ޚަބަރު

ޗައިނާގެ ތާރީޚީ ލިޔެކިޔުން ރައްކާތެރިކުރުމަށް ކުރާ މަސައްކަތް ވަޒީރު ހީނާ ބައްލަވާލައްވައިފި


  • ހަންގްޒޫގައި ހުންނަ ޒެޖިއަންގް ލައިބްރަރީއަށް ވަނީ ޒިޔާރަތްކުރައްވާފައި

  • އަންނަން އޮތް ޖީލުތަކަށް ސަގާފީ ހަނދާންތައް ދެމެހެއްޓުމުގައި ލިޔުންތެރިކަން އަދާކުރާ ދައުރު އޮޅުންފިލުއްވެވި

ޗައިނާގައި ތާރީޚީ ލިޔެކިޔުންތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ބައްލަވާލައްވައިފިއެވެ. މި މަސައްކަތް ބައްލަވާލައްވާފައިވަނީ ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ޤައުމީ އަރުޝީފަށާއި ހަންގްޒޫގައި ހުންނަ ޒެޖިއަންގް ލައިބްރަރީއަށް ކުރެއްވި ޒިޔާރަތުގައެވެ.

ޗައިނާގެ ހަންގްޒޫގައި ހުންނަ ނޭޝަނަލް އާކައިވްސް އޮފް ޕަބްލިކޭޝަންސް އެންޑް ކަލްޗަރއަށް ވަޒީރު ހީނާ ވަލީދު ވަނީ ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އެ ޤައުމުގެ ތާރީޚީ ލިޔެކިޔުންތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލެއްވެވިއެވެ. އަދި އަންނަން އޮތް ޖީލުތަކަށް ސަގާފީ ހަނދާންތައް ދެމެހެއްޓުމުގައި ލިޔުންތެރިކަން އަދާކުރާ މުހިންމު ދައުރާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވެވިއެވެ.

ޗައިނާއަށް ކުރައްވާ މިދަތުރުފުޅުގައި ވަޒީރު ވަނީ ހަންގްޒޫގައި ހުންނަ ޒެޖިއަންގް ލައިބްރަރީއަށްވެސް ޒިޔާރަތްކުރައްވައި، ލިޔެކިޔުންތަކުގެ ތަރިކަ ރައްކާތެރިކުރުމާއި، މަޢުލޫމާތާއި ޢިލްމު ފެތުރުމުގެ އިތުރުން، ފޮތްކިއުމުގެ އާދަ އަށަގަންނުވައި އުމުރަށް ދެމިގެންދާ އުނގެނުމަށް ބާރުއެޅުމުގައި އެ ކުތުބުޚާނާއިން އަދާކުރާ މުހިންމު ދައުރާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވަވާފައެވެ.

ޗައިނާއަކީ ތާރީޚާއި ސަގާފަތް ރައްކާތެރިކޮށް ދެމެހެއްޓުމުގައި އެހެން ޤައުމުތަކަށް ނަމޫނާ ދައްކާ ޤައުމެކެވެ. އެގޮތުން ދާއިރާގެ ކަންކަމުގައި ޗައިނާއިން ގެންގުޅޭ އީޖާދީ ވިސްނުން އެހެން ޤައުމުތަކަށް ޚާއްސަކޮށް އޭޝިއާގެ ޤައުމުތަކަށް ޙިއްސާކުރުމަށް ޗައިނާއިން އިސްކަންދެއެވެ.

ވަޒީރު ހީނާ ވަލީދުގެ މި ދަތުރުފުޅަކީ ސަގާފީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރުމަށް އޭޝިއާގެ ޤައުމުތައް ގުޅިގެން އުފެދުނު ފުރަތަމަ ޖަމްޢިއްޔާގެ 4 ވަނަ ކައުންސިލް ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލްކުރެއްވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.