ސިއްޙީ ދާއިރާގެ މުވައްޒަފުންނަށް ޚާއްޞަ ކޮށްގެން އަމިއްލައަށް އެދިގެން އެޗްއައިވީއަށް ޓެސްޓްކުރުމާއި ކައުންސިލިންގ ދިނުމާ ގުޅޭގޮތުން ކުރިއަށް ގެންދިޔަ "ވޮލަންޓަރީ ކައުންސިލިންގ އެންޑް ޓެސްޓިންގ" (ވީސީޓީ) ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ޕްރޮގްރާމް ބާއްވާފައިވަނީ، މިމަހުގެ 13 އިން 17ގެ ނިޔަލަށް ކ.ތުލުސްދޫގައެވެ. މި ޕްރޮގްރާމުގައި ޑޮކްޓަރުންނާއި، ނަރުހުން އަދި ލެބޯޓްރީ ޓެކްނީޝަނުން ހިމެނޭހެން ޖުމްލަ 27 ސިއްޙީ ޚިދުމަތްތެރިން ބައިވެރިވިއެވެ.
މި ތަމްރީނުގެ މައިގަނޑު މަޤުޞަދަކީ، ޓެސްޓު ކުރުމުގެ ކުރިންނާއި ޓެސްޓަށްފަހު ފައިދާހުރި ގޮތެއްގައި ކައުންސިލިންގ ދިނުމާއި، އެކަށީގެންވާ ގޮތެއްގައި އެޗްއައިވީ ޓެސްޓު ކުރުމާއި، ސިއްރު ހިފެހެއްޓުމާއި އަދި ފަރުވާއާއި އަޅާލުމާއި އެހީތެރިކަން ދޭ ޚިދުމަތްތަކާއި މީހުން ގުޅުވައިދިނުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ބައިވެރިންނަށް ފޯރުކޮށްދިނުމެވެ.
ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޞިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެއިތުރުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯގެ މަންދޫބު މިސް ޕޭޑަންވެސް މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.