ޔޫކްރެއިން ހަނގުރާމައަށް ހަތަރު އަހަރު ފުރިފައިވާއިރު، ރަޝިއާ އާއެކު މަޝްވަރާކޮށްގެން ސުލްޙަ ޤާއިމުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއަށް ބާރުއަޅުއްވައިފިއެވެ.
ޓްރަމްޕް ވިދާޅުވީ، ދިގުލައިގެން ގޮސްފައިވާ މި ހަނގުރާމައަށް ޔޫކްރެއިންގެ ރައްޔިތުންނަށް އިތުރަށް ކެތްނުކުރެވޭނެ ކަމަށާއި، އެހެންކަމުން ޒެލެންސްކީ ސުލްޙައިގެ އެއްބަސްވުމަކަށް ވަޑައިގަންނަވަންޖެހޭ ކަމަށެވެ.
މީގެއިތުރުން، ރަޝިއާގެ ބަންދުގައި ހުރި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ސްޓީވަން ހަބަރޑް މިނިވަންކުރުމަށް، ރައީސް ވްލަޑިމީރް ޕޫޓިންގެ އަރިހުން އެދިވަޑައިގެންފައިވާނެ ކަމަށް ވެސް ޓްރަމްޕް ހާމަކުރެއްވިއެވެ.
ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ބައެއް ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން ލުއިކޮށްދިނުމާ ގުޅިގެން، އެމެރިކާ އާއި ޔޫކްރެއިންގެ ގުޅުމަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ. މި ނުތަނަވަސްކަމަށް ހައްލެއް ހޯދުމުގެ ގޮތުން، އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފްއާ އެކު ޒެލެންސްކީ ވަނީ ބިނާކުރަނިވި މަޝްވަރާތަކެއް ކުރިއަށް ގެންދަވައިފައެވެ.
ދެ ޤައުމުގެ ދެމެދުގައި ޖާސޫސީ މަޢުލޫމާތު ބަދަލުކުރުން އަލުން ފެށުމުން، ޒެލެންސްކީ މަރުހަބާ ވިދާޅުވި ނަމަވެސް، ޔޫކްރެއިންގެ މިނިވަންކަމާއި ސިޔާދަތާ ގުޅޭ ނިންމުންތަކުގައި އެ ޤައުމު ބައިވެރިނުކޮށް އެއްފަރާތް ނުކުރެވޭނެ ކަމަށް އޭނާ ސާފުކޮށް ވިދާޅުވިއެވެ.
ނޯވޭގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި އެކުލަވާލެވުނު ސުލްޙައިގެ ހުށަހެޅުންތަކާ އެކު، ވިޓްކޮފް އަދި ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނަރ ވަނީ ޕޫޓިންއާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައެވެ.
ނަމަވެސް، މި ހުށަހެޅުންތަކަށް ރަޝިއާއިން ތާއީދުކުރާނީ ހަމައެކަނި އިޤްތިޞާދީ އަދި މާލީ މަންފާތަކަށް ރިއާއަތްކުރުމަށް ފަހު ކަމަށާއި، ސިޔާސީ ގޮތުން އެއްވެސް ގޮތަކަށް ދޫނުދޭނެ ކަމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ސަރގޭ ލަވްރޯވް ވަނީ ވިދާޅުވެފައެވެ.
މި މަޝްވަރާތަކާ ގުޅިގެން، ޔޫކްރެއިން، ރަޝިއާ އަދި އެމެރިކާ ހިމެނޭ ގޮތަށް ތިން ޤައުމުގެ އިސްވެރިންގެ ސަމިޓެއް ބޭއްވުމަށް ޒެލެންސްކީ ވަނީ އަނެއްކާވެސް ގޮވާލައްވައިފައެވެ.