ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. އެއިދާރާއިން ވިދާޅުވީ، ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ރާއްޖެއާ ކައިރިން އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން މޫސުން ގޯސްވާނެ ކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ޢަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ވިއްސާރަ ވިލާތައް އަތޮޅުތެރެއަށް ޖެހެމުންދާ ކަމަށެވެ. މީގެ ސަބަބުން ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެއިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބަަށް ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.
Heavy rain is expected across the country during the next 24 hours, with strong winds likely over northern and central atolls from 22-24 October. https://t.co/Za2r7zBSxm
— Maldives Meteorology (@MetMaldives) October 21, 2026
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
ދަތުރުކުރާނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހު ނޫނީ ދަތުރު ނުކުރުމަށް އެމްއެންޑީއެފުންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމުގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން، ދަތުރުކުރާ ފަރާތްތަކުން ލައިފްޖެކްޓްއަޅައި، އިތުރަށް ސަމާލުވުމަށްވެސް އެމްއެންޑީއެފުންވަނީ އެދިވަޑައިގެންފައެވެ. ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރާ ފަރާތްތަކުންވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއްދިނުމަށާއި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށްވެސް އެމްއެންޑީއެފުންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެެއްވުމަށް އިލްތިމާސްކުރަން
— Maldives National Defence Force (@MNDF_Official) October 21, 2026
https://t.co/RXl3Znpydp https://t.co/YbBq9xBh9Z
އަދި މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވެ ތިބުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އެންޑީއެމްއޭއިންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ފެންބޮޑުވާ ހާލަތުގައި ވެލިބަސްތާ ޖެހުމާއި، ފެންބޮޑުވެ ގެއްލުން ލިބޭ ހިސާބުގައި ހުންނަ ކާބޯތަކެއްޗާއި ހިފާ ގެންގުޅޭ ތަކެތި ފެނުގެ އަސަރު ނުފޯރާފަދަ ތަނަކަށް ބަދަލުކުރުމާއި، ވައިގަދަވެ އެއްލާލާފާނެ ތަކެތި ވައު ބޭނުންކޮށްގެން އެއްސުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ. މީގެ އިތުރުން ބޭނުން ނުކުރާ ކަރަންޓު ސާމާނު ނިވާލާފައި ބެހެއްޓުމަށް ވެސް އެންޑީއެމްއޭއިން އިލްތިމާސްކޮށްފައިވެއެވެ. އަދި ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒާމްކުރުމަށްވެސްވަނީ އިލްތިމާސް ކުރައްވާފައެވެ. ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެފަހުގެ މަޢުލޫމާތު ކަމާ ބެހޭ އިދާރާތަކުން ހޯދުމަށްވެސް އެންޑީއެމްއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.