ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ވިލާތުގައި ހިނގަމުންދާ އެންމެ ލޭއޮހޮރުވުން ބޮޑު ކުރިމަތިލުން ހުއްޓުވުމަށް އެމެރިކާއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޔޫކްރެއިނާއި ރަޝިއާ އާ ދެމެދު ސުލްޙައިގެ މަޝްވަރާތައް އަންނަ މަހު އަލުން ފެށުމަށް ރަޝިއާގެ ރައީސް ވްލަޑިމީރް ޕޫޓިން އާއި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އެއްބަސްވެވަޑައިގެންފައިވާ ކަން އިޢުލާނުކުރުމަށްފަހު ވެސް، ދެ ފަރާތުގެ ދެމެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފިއެވެ.
ޕޫޓިން މި މަޝްވަރާތަކަށް އެއްބަސްވެވަޑައިގެންނެވީ، އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޯފްއާ އެކު ބޭއްވި ތިން ގަޑިއިރުގެ މުހިންމު ބައްދަލުވުމަކަށް ފަހުގައެވެ.
ދެ ޤައުމުގެ ދެމެދުގައި އިތުބާރު ޤާއިމުކުރުމުގެ ފެށުމެއްގެ ގޮތުން، ރަޝިއާގެ ބަންދުގައި ހުރި އެމެރިކާގެ ކުރީގެ ޓީޗަރު ސްޓީވަން ހަބަރޑް މިހާރު ވަނީ މިނިވަންކޮށްފައެވެ.
ރަޝިއާގެ ސަރުކާރުން މަޢުލޫމާތު ދޭ ގޮތުގައި، އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ އަބޫދާބީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މަޝްވަރާތައް އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ފަހުން ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި ބަހުސްކުރެވޭނީ ހަނގުރާމަ ހުއްޓާލުމަށް ފަހު، ރަޝިއާ އާއި ޔޫކްރެއިންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކުރެވޭނެ އޮނިގަނޑަކާ ގުޅޭގޮތުންނެވެ.
ސުލްޙައިގެ މަޝްވަރާތަކަށް އެއްބަސްވެވަޑައިގެންނެވި ނަމަވެސް، ޑޮނެސްކް ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް ހޯދުމަށާއި، ޔޫކްރެއިން ނޭޓޯގެ މެންބަރަކަށް ވިޔަނުދިނުމަށް ރަޝިއާއިން ގެންގުޅޭ ސިޔާސަތަށް ޕޫޓިން އެއްވެސް ލުޔެއް ނުދެއްވައެވެ. މީގެއިތުރުން، އީރާނުގެ މައްސަލައިގައި އެމެރިކާއަށް އެއްބާރުލުން ދިނުމާއި، އަންނަ މަހު ޗައިނާގައި ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއެކު ބޭއްވުމަށް ރޭވިފައިވާ ތާރީޚީ ސަމިޓާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވުނެވެ.
މި މަޝްވަރާތައް ބޭއްވިފައިވަނީ، އެމެރިކާއިން ރަޝިއާއާއެކު ޑީސަލް ގަތުމުގެ އެއްބަސްވުމެއް އެކުލަވާލުމާއި، ޔޫކްރެއިނަށް ފޯރުކޮށްދެމުންދިޔަ ޖާސޫސީ މަޢުލޫމާތާއި "ސްޓާޝީލްޑް" އަސްކަރީ ސެޓެލައިޓްގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑައިލި ކަމަށް ބުނެ ފެންމަތިވެފައިވާ މައްސަލަތަކާ ގުޅިގެން އެމެރިކާ އާއި ޔޫކްރެއިންގެ ގުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ނަމަވެސް، ޒެލެންސްކީ ވަނީ ޚާރިޖީ ޙައްލަކަށް އެ ޤައުމުން އަބަދުވެސް މަރުޙަބާ ކިޔާނެ ކަމަށް ވިދާޅުވެ، ޓްރަމްޕާއި ޕޫޓިން ހިމެނިވަޑައިގަންނަވާ ގޮތަށް ތިން ޤައުމުގެ ވެރިންގެ މަޝްވަރާތައް ބޭއްވުމަށް ތާޢީދުކުރައްވާކަން ހާމަކުރައްވައިފައެވެ.
ސިޔާސީ މަޝްވަރާތައް އަލުން ފެށުމުގެ އުއްމީދު އައުވެފައިވީ ނަމަވެސް، ހަނގުރާމައިގެ މައިދާނުގައި ހަމަލާތައް ދަނީ އިތުރަށް ފުޅާވަމުންނެވެ.
އެގޮތުން ބުރާސްފަތި ދުވަހުގެ ފަތިހު ރަޝިއާއިން ޔޫކްރެްއިންގެ ވެރިރަށް ކީވް އަދި ޚާރްކީވްއަށް އަމާޒުކޮށް ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީ އާންމުގެ ގިނަ ބަޔަކު ޒަޚަމްކޮށްލާފައިވާއިރު، ރައްދުގައި ޔޫކްރެއިނުން ވެސް ވަނީ ރަޝިއާގެ ވެރިރަށް މޮސްކޯއާ އަމާޒުކޮށް 600 އަށް ވުރެ ގިނަ ޑްރޯން ފޮނުވާލައި، ވަރުގަދަ ހަމަލާތަކެއް ދީފައެވެ.