2017 ވަނަ އަހަރަށް ލަފާކުރައްވާ ސަރުކާރުން ހުށައެޅުއްވި ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން ފާސްކުރައްވައިފިއެވެ. ކޮމިޓީން ބަޖެޓް ފާސްކޮށްފައިވަނީ 15 މެންބަރުންގެ ވޯޓުންނެވެ.
ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިންމަވާލެއްވިއިރު ބަޖެޓްގެ ޖުމްލަ އަދަދަށް ބަދަލުގެނެސްފައެއް ނުވެއެވެ.
އަންނަ އަހަރަށް ލަފާކުރައްވައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ދައުލަތުގެ ބަޖެޓްގެ ޢަދަދަކީ 26.7 ބިލިއަން ރުފިޔާއެވެ.
މި ނޮވެމްބަރ މަހުގެ 8 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، 2017 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވަނީ، ބަޖެޓްގެ 51 އިންސައްތަ ހޭދަކުރެއްވުމަށް ހަމަޖެހިފައިވަނީ ރިކަރަންޓް ޚަރަދުތަކަށް ކަމަށާއި 49 އިންސައްތަ ޙިއްޞާކުރާނީ ކެޕިޓަލް ޚަރަދުތަކަށްކަމަށް ވިދާޅުވެފައެވެ.
މި ބަޖެޓަކީ މިހިނގާ އަހަރަށް ހުށަހެޅުނު 27 ޕޮއިންޓް ހަތަރެއް ފަހެއް ބިލިޔަން ރުފިޔާގެ ބަޖެޓަށްވުރެ 0.75 ބިލިއަން ރުފިޔާގެ ކުޑަ ބަޖެޓެކެވެ. އަދި މި ބަޖެޓަކީ މިހާތަނަށް ތަރައްޤީގެ މަޝްރޫޢުތަކަށް އެންމެ ބޮޑު ޙިއްޞާއެއް ކަނޑައެޅިފައި އޮތް ބަޖެޓުކަންވެސް ފާހަގަކޮށްލެވެއެވެ.
އަންނަ އަހަރުގެ ބަޖެޓުގެ ބަޙުސް ފެއްޓެވީ މިދިޔަ ހޯމަދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. ބަޖެޓަށް ބަހުސްކުރެއްވުމަށް ހުޅުވާލެއްވި ފުރުޞަތުގައި މަޖިލީހުގެ ކޮންމެ މެމްބަރަކަށްވެސް ޖުމުލަ 22 މިނެޓުގެ ވަގުތެއް ރިޔާސަތުން ދެއްވާފައިވެއެވެ.
ބަޖެޓަށް ބަހުސްކުރެއްވި ގިނަ މެމްބަރުން ވަނީ، ބަޖެޓަށް ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ބަޖެޓަށް ތާއީދުކުރެއްވި މެމްބަރުން ވަނީ މިބަޖެޓަކީ ތަރައްޤީގެ މަޝްރޫޢުތައް ގިނަ ބަޖެޓެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރާނެ ބަޖެޓެއްކަންވެސް މެމްބަރުން ފާހަގަކުރެއްވިއެވެ. ބަޖެޓާމެދު ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވި މެމްބަރުން ވަނީ، މިބަޖެޓަށް ބައެއް އިޞްލާޙުތައް ގެންނަންޖެހޭކަން ފާހަގަކުރައްވާފައެވެ.
އަންނަ އަހަރުގެ ބަޖެޓްގައި 13.2 ބިލިއަން ރުފިޔާ ކެޕިޓަލް ޚަރަދުގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ކެޕިޓަލް ޚަރަދުގެ 60 އިންސައްތަ ހޭދަކުރެވޭނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމަށް ނުވަތަ ޕީ.އެސް.އައި.ޕީ އަށްކަން ފާހަގަކޮށްލެވެއެވެ. އަންނަ އަހަރަށް ލަފާކުރައްވާފައިވާ ބަޖެޓް ޑެފިސިޓަކީ 304 މިލިއަން ރުފިޔާއެވެ. މިއީ ޖީ.ޑީ.ޕީގެ 0.5 އިންސައްތައެވެ.
ބަޖެޓް ދިރާސާކުރައްވާ ކޮމެޓީން ބަޖެޓްގެ މަސައްކަތްތައް ނިންމާލެއްވުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމުން ކޮމެޓީ ރިޕޯޓަށް ބަހުސް ކުރެއްވުމަށް ރިޔާސަތުން ހުޅުވާލައްވާނެއެވެ. އެގޮތުން އެ ފުރުޞަތުގައި ކޮންމެ މެމްބަރަކަށްވެސް 7 މިނެޓުގެ ފުރުޞަތެއް ލިބިވަޑައިގަންނަވާނެއެވެ.