ހއ. ފިއްލަދޫގެ ބަނދަރު ހެދުމުގެ މަސައްކަތް 28 މިލިއަން ރުފިޔާއަށް ސަރުކާރުން އާރު.އާރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރައްވައިފިއެވެ.
މި މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅުއްވާފައެވެ. އަތޮޅުތެރޭގެ ރަށްތަކަށް ކުރިމަތިވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ޙައްލެއް ހޯއްދަވައި ދެއްވުމަށްޓަކައި ޚާއްސަ އަހައްމިއްޔަތު ކަމެއް ދެއްވައިގެން ބަނދަރު ހެދުމުގެ ގިނަ މަޝްރޫޢުތައް މިހާރުވެސް ކުރިއަށްގެންދަވައެވެ. ހއ. ފިއްލަދޫގެ ބަނދަރު ހެދުމުގެ މަޝްރޫޢު ސަރުކާރުންވަނީ އާރ.އާރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރައްވާފައިވަނީ، 28.2 މިލިއަން ރުފިޔާއަށެވެ. ފިއްލަދޫގެ ބަނދަރު ހެދުމަށް ކޮންޓެކްޓަރާއިއެކު ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، މި މަޝްރޫއާއެކު ފިއްލަދުއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ޙައްލުވެ ރަށަށް އިތުރު ތަރައްޤީއާއި ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހއ.ފިއްލަދޫ ހިމެނޭ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ، ފިއްލަދޫއަކީ، އެންމެ ކުރީއްސުރެވެސް ލަފާފުރުމުގެ ދަތިކަން އޮތް ރަށެއް ކަމަށެވެ. އަދި އުންމީދަކީ މި މަޝްރޫއުގެ މަސައްކަތް އަވަހަށް ނިމި ރައްޔިތުންނަށް އޭގެ މަންފާ ލިބިގެންދާނެ ކަމަށެވެ. ފިއްލަދޫގައި ހައްދަވާ ބަނދަރަކީ، 150 ފޫޓްދިގު، 250 ފޫޓު ފުޅާ ބަނދަރެކެވެ. މި ބަނދަރުގެ މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އަމާޒު ކުރައްވާފައެވެ. 46 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް މިހާރުވެސް ސަރުކާރުން ދަނީ ކުރިއަށް ގެންދަވަމުންނެވެ.