ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކޮށްދިނުމަށް އެދިއްޖެ


ލޯކަލް ކައުންސިލް އިންތިޚާބު ދެ މަސްދުވަހަށް ފަސްކޮށްދިނުން އެދި ޕީޕީއެމުން ސިވިލްކޯޓަށް ހުށައަޅައިފިއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ޕީޕީއެމުން ސިވިލްކޯޓަށް ހުށައެޅި މައްސަލާގައި ބުނެފައިވަނީ އެޕާޓީއަކީ މި ވަގުތު ސީޔާސީ މައިދާނުގައި ޙަރާކާތްތެރިވާ އެންމެ ބޮޑު އަދި އެންމެ ގިނަ ރައްޔިތުން ތަމްސީލުކުރާ ޕާޓީކަމަށްވެފައި ޕާޓި ހިންގުމުގައި ދިމާވި އުދަނގޫތަކެއްގެ ސަބަބުން ކަނޑައެޅިފައިވާ ތާރީޚްގައި އިންތިޚާބު ބޭއްވުމަށް ބޭނުންވާ ތައްޔާރީތައް އެކަށީގެންވާ ގޮތެއްގައި ވެވިފައިނުވާކަމަށެވެ.

ޕާޓީ ހިންގުމަށް ކުރިމަތިވި ހުރަސްތައް ގިރާކުރުމަށްފަހު އިންތިޚާބު ބޭއްވުމަށް ކަނޑައެޅިފައިވާ  ވަގުތައް ތައްޔާރުވުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށްވެސް ޕީޕީއެމްގެ މައްސަލާގައި ބުނެފައިވެއެވެ. އަދި  ޕާޓީގެ ޑޭޓާ ބޭސްއާއި ޕާޓީގެ މެމްބަރުންގެ ދަފްތަރާއި އެހެނިހެން ލިޔެކިޔުންތައް ނެތްކަންވެސް އެ މައްސަލާގައި ފާހަގަކޮށްފައިވެއެވެ. އަދި މި ޙާލަތުގައި މިހާރު ކަނޑައަޅާފައިވާ ތާރީޚްގައި އިންތިޚާބު ބާއްވައިފިނަމަ ޕާޓީއަށް ޢިޔާދަނުކުރެވޭވަރުގެ ގެއްލުންތަކެއް ކުރިމަތިވެދާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ރައްދުވާގޮތަށް ޕީޕީއެމުން ހުށައަޅާފައިވާ މައްސަލާގައި ބުނެފައިވެއެވެ.

އެހެންކަމުން މިހާރު ކަނޑައެޅިފައިވާ ތާރީޚަށްވުރެ 2 މަސްދުވަސް ފަހުގެ މުއްދަތެއްގައި އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދެއްވުމަށް ސިވިލްކޯޓަށް ޕީޕީއެމުން ހުށައެޅި މައްސަލާގައި އެދިފައިވެއެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވެވުމަށް އިކެލްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވަނީ އަންނަ ޖެނުއަރީ މަހުގެ 14 ވަނަދުވަހުއެވެ. މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ މުއްދަތު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ސައްބީހަށް ހަމަވާނެއެވެ. އިންތިހާބާބެހޭ ޤާނޫނު ބުނާގޮތުން މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން އިންތިޚާބު ބާއްވައި މަޤާމުތަކަށް މީހުން އިންތިޚާބުކުރަންޖެހޭނެއެވެ.