ވިޔަފާރި

ހަފްތާއެއްގެ ތެރޭގައި 5635 ޓިކެޓަށް 2.8މިލިއަނަށްވުރެ ގިނަ ޑޮލަރު


ރާއްޖެއިން ބޭރަށްދާ ދިވެހި ޢާންމުންނަށް، ހަފްތާއެއްގެ ތެރޭގައި އެމްއެމްއޭއިން 2.8 މިލިއަނަށްވުރެ ގިނައިން ޑޮލަރު ވިއްކަވާފައިވާ ކަމަށް އެބޭންކުން ހާމަކުރައްވައިފިއެވެ.

ސީދާ އެމްއެމްއޭއިން ޑޮލަރު ވިއްކަވަން ފަށްޓަވާފައިވަނީ ހުސްވި ހަފްތާގެ އާދީއްތަދުވަހުން ފެށިގެންނެވެ. އެގޮތުން އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، އެމްއެމްއޭއިން ވަނީ 1993 ކަސްޓަމަރަކު ހުށަހެޅި 5635 ޓިކެޓަކަށް ޑޮލަރު ވިއްކާފައެވެ.

އެމްއެމްއޭއިން ވިދާޅުވީ ކުރިއަށް އޮތް ހަފްތާއަކީ އޮފީސްތަކުން މުސާރަދޭ ހަފްތާއަށް ވުމުން ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ފުރާނެ ކަމަށް ލަފާކުރެވޭތީ އެ ހަފްތާތެރޭގައި ޑޮލަރު ގަންނަން އަންނަ މީހުން އިތުރުވާނެ ކަމަށް ލަފާކުރެއްވޭ ކަމުގައެވެ.

އެމްއެމްއޭއިން މީގެ ކުރިން ވިޔަފާރި ބޭންކުތައް މެދުވެރިކުރައްވައި ވިއްކަވަމުން ގެންދެވި ޑޮލަރ، ސީދާ އެމް.އެމް.އޭގައި ވިއްކެވުމަށް ނިންމަވާފައިވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހި ޢާންމުންނަށް ޑޮލަރު ލިބުމުގައި އޮތް ދަތިކަމަށް ޙައްލެއް ގެންނެވުމުގެ ގޮތުންނެވެ. ޑޮލަރު ދޫކުރެއްވުމުގެ މަސައްކަތް ހަލުވިކުރައްވައި ޢާއްމުންނަށް ލުއިފައްސޭހަވާނެހެން ކުރިއަށް ގެންދެވުމަށް އެމްއެމްއޭއިން ވަނީ ޚާއްޞަ އިންތިޒާމްތަކެއް ހަމަޖައްސަވާފައެވެ.

އެމްއެމްއޭއިން ކޮންމެ ދުވަހަކުވެސް ޑޮލަރު ވިއްކަވަމުން ގެންދަވާނީ، ކުރިއަށް އޮންނަ 7 ދުވަހުގެ ތެރޭގައި ފުރާ މީހުންނަށް އެކަންޏެވެ.