ޚަބަރު

ވޭތުވެދިޔަ 50 އަހަރާ އެއްހަމަ ތަރައްޤީ މި 3 އަހަރުތެރޭ ލިބިއްޖެ


ރާއްޖޭގެ ތާރީޙްގައި މި ފާއިތުވި 50 އަހަރު ދުވަހު ލިބިފައިވާ ތަރައްޤީއާއި ކުރިއެރުން މި 3 އަހަރު ދުވަހުގެ ތެރޭގައި ލިބިގެން ހިނގައްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރޭ އެސް.ޓީ.އޯއިން ރަސްފަންނުގައި ކުރިޔަށްގެންދިޔަ 3 އަހަރުދުވަހުގެ ކާމިޔާބު ފާހަގަ ކުރެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން – އެސް.ޓީ.އޯ އަކީ ރައްޔިތުންނަށް ގިނަ ޙިދުމަތްތަކެއް ފޯރުކޮށްދެއްވަމުން ގެންދަވާ ކުންފުންޏެކެވެ. އެސްޓީއޯއިން މި ފާއިތުވި 3 އަހަރު ދުވަހު ލިބިފައިވާ ކާމިޔާބީ ފާހަގަ ކުރެއްވުމަށްޓަކައި ރަސްފަންނުގައި ކުރިޔަށް ގެންދިޔަ ހަފްލާ ޝަރަފްވެރި ކޮށްދެއްވަމުން ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ރާއްޖެ ނުދެކޭ ފަދަ ގިނަ ކުރިއެރުންތަކެއް ވޭތުވެދިޔަ 3 އަހަރު ދުވަހު ހޯދަވާފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ 50 އަހަރު ދުވަހުން ރާއްޖެއަށް ލިބިފައިވާ ތަރައްޤީއާއި ކުރިއެރުން މި ތިން އަހަރު ތެރޭ ރާއްޖެ ހާސިލްކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގެ އިޤްތިޞާދު މިދާ ސްޕީޑްގައި ދާކަމަށް ވާނަ އެސްޓީއޯ ކަހަލަ ގިނަ ކުންފުނިތަކެއް ފެނިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖެއަށް އިންވެސްޓް ކުރަން ބޭނުންވާ އިންވެސްޓަރުންނަށް އިންވެސްޓް ކުރުމުގެ އިތުބާރު މިހާރު ލިބިގެން ގޮސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެސް.ޓީ.އޯ އިން މި 3 އަހަރު ލިބިގެންދިޔަ ކާމިޔާބީ ފާހަގަ ކުރައްވަމުން އެސްޓިއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރު ވިދާޅުވީ ފާއިތުވި 3 އަހަރު ދުވަހު އެ ކުންފުނީގެ ފައިދާ 162 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އަދި މި 162 އިންސަތަ ފައިދާ އިތުރުވެފައިވަނީ ތަކެތީގެ އަގުތަކަށް ބަދަލެއް ނުގެނެސް ކަމަށް ޝަހީރު ވިދާޅުވިއެވެ. އެސްޓީއޯގެ މެޑިކަލް ވިޔަފާރި، ކުރީގެ 3 އަހަރަށްވުރެ 60 އިންސައްތަ މި އަހަރު އިތުރުވެފައިވާ ކަމަށް އެސް.ޓީ.އޯއިން ވިދާޅުވެއެވެ. އަދި އެ ކުންފުނިންގ ދެމުންގެންދާ ތެލުގެ ޙިދުމަތް ފުޅާކުރުމަށްޓަކައި ސްޓޯރެޖް ބޮޑުކުރުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށް މެނޭޖިންގ ޑިރެކްޓަރ ޝަހީރު ވިދާޅުވިއެވެ.

ހުޅުމާލޭގެ ރައްޔިތުންނަށް މާލެއިން ޕެޓްރޯލް ގަންނަން ލިބެން ހުރި އަގަށް ޕެޓްރޯލް ލިބޭނެ ގޮތް ހައްދަވައިދިނުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން އަންނަ އަހަރު ކުރީކޮޅު މާލޭގައި ޕެޓްރޯލް ލިބެން ހުރިއަގަށް ހުޅުމާލެއިން ޕެޓްރޯލް ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް އެސްޓިއޯއިން ވިދާޅުވެއެވެ. އެސްޓިއޯގެ ސަބްސިޑަރީ ކުންފުނިތަކުން ދެއްވަމުންގެންދާ ޙިދުމަތައް ފުޅާކުރައްވާ، ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެއްވުމަށްޓަކައި އެކުންފުނިންގ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި އެކުންފުނީގެ އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށް ހިދުމަތް ފޯރުކޮށްދިނުން ކަމަށް އެސް.ޓީ.އޯއިން ވިދާޅުވެއެވެ. އެސްޓީއޯ ކުރިޔަށްގެންދިޔަ މި ހަފްލާގައި ހަބޭސް ބޮޑުބެރު ގުރޫޕާއި މޯލްޑިވިއަން އައިޑަލްގެ ބައެއް ފަންނާނުން ވަނީ ލަވަތައް ހުށަހަޅާދެއްވާފައެވެ. އަދި ވަޑައިގެންނެވި އާއްމުންގެ މެދުގައި ލަކީޑްރޯއެއް ނަގާފައިވެއެވެ.