އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖްގެ ގޮތުގައި ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނަގަން މަޖިލީހުން ނިންމެވި ނިންމެވުމަކީ ބައިނަލްއަޤްވާމީ ހަމަތަކާއި ޚިލާފް ނިންމުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަދި އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ ޗެއަރ އަޙްމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދިވެހިންނާއި ބިދޭސީންގެ އަތުން އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖް ނަގަންޖެހޭނީ އެއްހަމައަކުން އެއްއުސޫލަކުން ކަމަށެވެ. އެހެންކަމުން އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖް 25 ޑޮލަރަށް މަތިކުރުން ނުވަތަ 12 ޑޮލަރަށް ތިރިކުރުން މިއީ ކުރަންޖެހޭނެ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖެ ބައިވެރިވެފައިވާ ބައިނައްއަޤްވާމީ މުޢާހަދާތަކާއި ދުނިޔޭގެ ވައިގެ ދަތުރުފަތުރާބެހޭ މައި އިދާރާއިން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށް ދިވެހިންނާއި ބިދޭސީން ތަފާތުކޮށް ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން އެއްވެސް ޗާޖެއް ނެގުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.
އަޔާޓާއިން ނެރެފައިވާ ޤަވައިދުގައި ބުނާގޮތުން އެއަރޕޯޓަކުން ނަގާ ފީއެއްވާންޖެހޭނީ އައިކާއޯ ޕޮލިސީތަކަށް ފެތޭގޮތުން ހުރިހާ ފަރާތްތަކެއްގެ އަތުން ހަމަހަމަ ގޮތެއްގައި ނަގާ ފީއަކަށެވެ. އެއަރޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން މިފަދަ ފީއެއް ނަގަނީ އެރޕޯރޓް ޑިވެލޮޕްމަންޓަށާއި ބެލެހެއްޓުމަށް އެހީތެރިވުމުގެ ގޮތުނެވެ.