ވިޔަފާރި

ސްރީލަންކަންގެ ފްލައިޓެއް މާދަމާ އައްޑޫ ސިޓީ ގަމަށް ދާނެ


ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއާއި އައްޑޫ ސިޓީއާއި ދެމެދުކުރާ ޝެޑިއުލް ދަތުރުތައް ފެށުމުގެ ގޮތުން، ސްރީލަންކަން އެއަރލައިންގެ ފްލައިޓެއް މާދަމާ ހެނދުނު ގަން އިންޓަނޭޝަނަލް އެއަރޕޯޓްގައި ޖައްސާނެއެވެ.

މާދަމާ ހެނދުނު 8:30 ހާއިރު، ސްރީލަންކަން އެއަރލައިންސްގެ ފުރަތަމަ ޝެޑިއުލް ފްލައިޓް ގަމުގައި ޖެއްސުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަނީ ނިމިފައިވާއިރު ސްރީލަންކަންގެ އޮފީހެއް އައްޑޫސިޓީ ފޭދޫގައިވަނީ ޤާއިމްކޮށްފައެވެ. ދަތުރުތައް ފެށުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ ކަންޓްރީ މެނޭޖަރ މުޙައްމަދު ފިރާޤް ވިދާޅުވީ ގަމަށް ދަތުރުތައް ފެށުމަށް ނިންމާފައިވަނީ ސްރީލަންކަންއަށް މާލީގޮތުން ދަތި ދުވަސްވަރެއްގައި ނަމަވެސް، ދަތުރުތައް ފެށުމަށް ނިންމީ ކަމުގެ މުހިންމުކަމުގެ މައްޗަށް ބެލުމަށްފަހު ކަމަށެވެ. ރާއްޖޭގެ ދެކުނަށް ޓޫރިޒަމް ފުޅާކުރުމަށް ގަމުގައި އިންޓަރނޭޝަނަލް އޮޕަރޭޝަންތައް ފެށުމަކީ މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ގަން އިންޓަނޭޝަނަލް އެއަރޕޯޓްގައި އިންޓަރނޭޝަނަލް ފްލައިޓް އޮޕަރޭޝަންތަކަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް ޤާއިމްކޮށްފައިވާކަންވެސް ފިރާޤް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ދަތުރުތައް ފަށާއިރު، މިކަމަކީ ސްރީލަންކަންއިން ވެސް ޝައުޤުވެރިވެގެން ކުރާ ކަމެއް. ރާއްޖޭގެ ދެކުނަށް ފަތުރުވެރިކަން ފުޅާ ކުރުމަށް ކުރެވޭ މަސައްކަތެއް ވީމާ ސްރީލަންކަންއަށްވެސް ފައިދާތަކެއް ވާނެ ކަމަށް ޤަބޫލުކުރަން. އަދި އުފަލާއެކު ފާހަގަކޮށްލަން ގަން އިންޓަނޭޝަލް އެއަރޕޯޓްގައި ޤާއިމް ކުރަންޖެހޭ ޚިދުމަތްތައް ދިނުމަށް ސަރުކާރުން އިސްކަންދީފައިވާކަން. ނަމަވެސް އިންޓަރނޭޝަލް ދަތުރުތައް ކުރުމަކީ ބޮޑު ކަމަކަށްވާއިރު، އަދިވެސް އިތުރު ޚިދުމަތްތައް ހުންނަށްޖެހޭ. އެކަންކަން ފުރިހަމަވަމުން ދަނީ." ފިރާޤް ވިދާޅުވިއެވެ.

ކޮލަމްބޯއާއި ގަމާއި ދެމެދު ޝެޑިއުލް ފްލައިޓްތައް ފެށުމުގެ ގޮތުން ސްރީލަންކަން އެއަރލައިންސްއިން ޚާއްޞަ ފެއަރތަކެއް ވަނީ ހަމަޖައްސާފައެވެ. ފިރާޤް އިތުރަށް ވިދާޅުވީ، މިހާރުވެސް ފުރަތަމަ ހަތަރު ފްލައިޓް ފުލްވެފައިވާ ކަމަށެވެ.

"270 ގެ ފެއަރއިން މިފަށަނީ. ހަފްތާއަކު ހަތަރު ދަތުރުކުރާ ގޮތަށް ފުރަތަމަ މި ފަށައިގަންނަނީ. ކޮލަންބޯއަކީ ރީޖަންގެ ހަބަކަށްވުމުން ކޮލަންބޯ މެދުވެރިކޮށް އިތުރު ތަންތަނަށް ދަތުރުކުރެވޭ ގޮތަށް ފްލައިޓްތައް އޮޕަރޭޓް ކުރަނީ. ސްރީލަންކަން އެއަރލައިންގެ ނެޓްވޯކްގެ އިތުރުން،  ވަން ވޯލްޑް އެއަރލައިނަކަށް ވުމުން އެފިލިއޭޓް އިތުރު އެއަރލައިން ތަކުން ދަތުރުކުރެވޭނެ." ފިރާޤް ވިދާޅުވިއެވެ.

މާދަމާ ފުރަތަމަ ފްލައިޓް ގަމަށް ޖައްސާއިރު، މޯލްޑިވްސް އިމިގްރޭޝަނުންވެސް ވަނީ އެކަމަށް ފުރިހަމައަށް ތައްޔާރުވެ ވަޑައިގެންފައެވެ. އިމިގްރޭޝަންގެ މީޑިއާ ކޯޑިނޭޓަރ ޙަސަން ޚަލީލް ވިދާޅުވީ އިންޓަރނޭޝަނަލް އެއަރޕޯޓަކުން ލިބެންޖެހޭ އިމިގްރޭޝަނާ ގުޅޭ ހުރިހާ ޚިދުމަތް ގަމުގައި މިހާރު ޤާއިމް ކުރައްވާފައިވާ ކަމަށެވެ.  

ގަން އެއަރޕޯޓަށް މީގެ ކުރިންވެސް ޗާޓަރ ފްލައިޓްތައް އޮޕަރޭޓް ކުރަމުންދެއެވެ. އަދި ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަނުން މީގެ ކުރިންވެސް ޝެޑިއުލް ފްލައިޓްތަކެއް ކޮލޮންބޯއާއި ދެމެދު ކޮށްފައިވެއެވެ. ނަމަވެސް އެ ދަތުރުތައް ހުއްޓުމަކަށް އައުމަށްފަހު، ގަމާ ދެމެދު ޝެޑިއުލް ދަތުރުތައް ކުރެވިފައެއް ނުވެއެވެ. އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޖެނެރަލް މެނޭޖަރ އިބްތިޝާމާ ސަޢީދު ޤަބޫލުކުރައްވާ ގޮތުގައި، ސްރީލަންކަން އެއަރލައިންސްއިން ގަމާއި ދެމެދު ސީދާ ދަތުރުތައް ފެށުމަކީ ގަން އެއަރޕޯޓަށާއި، ދެކުނުގެ ރައްޔިތުންނަށް ލިބިގެންދާ އެންމެ ބޮޑު ކުރިއެރުމެކެވެ.

"އައްޑޫ އެއަރޕޯޓް އިންޓަރނޭޝަނަލް ކުރެވި، މިހާ ދުވަސްވީއިރުވެސް ދެމެހެއްޓެނިވި ގޮތަކަށް އެއަރޕޯޓްގައި ކަންކަން ކުރެވިފައެއް ނެތް. ނަމަވެސް މިހާރު ކުރިއަށްގެންދާ އެއަރޕޯޓް އެކްސްޕެންޝަން ޕްރޮޖެކްޓް ނިމި، ސީދާ ދަތުރުތައް ފެށުމުން، ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ. ޚާއްސަކޮށް ވަޒީފާގެ ފުރުޞަތުތައް ފުޅާވެ، ގެސްޓުންނަށް ޚިދުމަތް ދިނުމުގެ ދާއިރާއާއި، ވިޔަފާރިތަކަށްވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ." އިބްތިޝާމާ ސަޢީދު ވިދާޅުވިއެވެ.

އައްޑޫސިޓީ ގަމާއި، އަވައްޓެރި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއާއި ދެމެދުކުރާ ދަތުރުތައް މާދަމާ ފަށާއިރު، މިއީ ދެކުނުގެ ރައްޔިތުންނަށް، ޚާއްޞަކޮށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ލިބިގެންދާ ބޮޑު އުފަލެކެވެ. ކޮލަމްބޯއަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ މައި އެއަރޕޯޓް ކަމުގައިވެފައި، ކޮލަމްބޯއަކީ ދެކުނު އޭޝިޔާއާއި ދުނިޔެ ގުޅުވައިދޭ މައި އެއަރޕޯޓަށް ވުމުން، ހުރިހާ ގޮތަކުންވެސް މިކަމަކީ މި ސަރަޙައްދުގެ ރައްޔިތުންނަށް ލިބިގެންދާ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ރައްޔިތުން ސިފަކުރެއެވެ.

ގަން އިންޓަނޭޝަނަލް އެއަރޕޯޓް ބޮޑުކޮށް، ގަމަށް އިންޓަރނޭޝަނަލް ފްލައިޓްތައް އޮޕަރޭޓް ކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ މަޝްރޫޢެކެވެ. ރަންވޭ 3600 މީޓަރަށް ދިގުކޮށް، ދެކުނުގެ ރިސޯޓްތަކަށް ފަތުރުވެރިން އުފުލުމަށް ގަމުގެ ދެކުނު ފަރާތުގައި ސީ ޕްލޭން ބޭސްއެއް ވަނީ ތަރައްޤީ ކުރައްވާފައެވެ. މި ހުރިހާ ކަމަކާއެކު ގަމަށް ޝެޑިއުލް ދަތުރުތައް ފެށުމަކީ ސަރުކާރުގެ 3 އަހަރުގެ ކާމިޔާބު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢެކެވެ.