ޚަބަރު

46 ޔޫތް ސެންޓަރެއް ޤާއިމްކުރެވިއްޖެ- ޔޫތް މިނިސްޓަރ


ޒުވާނުންނަށް ކުޅިވަރު ކުޅުމާއި ޒުވާނުންގެ އިޖްތިމާޢީ ކަންކަމަށް އިތުރު ފުރުޞަތުތަކެއް ހޯދަވައިދެއްވުމަށްޓަކައި ސަރުކާރުން ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެތެރޭގައި ސްޕޯޓްސް އެރީނާތައް ރަށްރަށުގައި ޤާއިމު ކުރެއްވުމާއި، ޒުވާނުންގެ މަރުކަޒު ބިނާކުރުން ފަދަ މަސައްކަތް ހިމެނެއެވެ. ރަށްރަށުގައި ޒުވާނުންގެ މަރުކަޒެއް ހުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ޒުވާނުންގެ މަޒުކަޒުން ޒުވާނުންނަށް ކެރިޔަރ ގައިޑެންސް ދެއްވުމާއި، ޒުވާނުންނަށް ޚާއްޞަކުރައްވައިގެން ކުރިޔަށް ގެންދަވާ އިންޓާރންޝިޕް ޕްރޮގްރާމްތައް ހިންގުމާއި އިންޑޯ ކުޅިވަރުތައް ކުޅުމުގެ ފުރުޞަތު ޒުވާނުންގެ މަރުކަޒެއް ހުރުމުގެ ސަބަބުން ފަހިވެގެންދާނެކަމަށެވެ.

ރާއްޖޭގައި އެކި ހިސާބުތަކުގައި ގާތްގަނޑަކަށް 46 ޔޫތް ސެންޓަރ ވަނީ ޤާއިމުކުރައްވާފައެވެ. އަދި 24 ޔޫތް ސެންޓަރެއްގެ ޢިމާރާތްކުރެއްވުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވާކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިހާރު ޤާއިމްކުރައްވާފައިވާ ޒުވާނުންގެ މަރުކަޒުތަކުގައި ބޭނުންވާ ތަކެތި ހޯދަވައިދެއްވުމާއި، ތަފާތު ކޯސްތައް ހިންގޭނެ ފަދަގޮތަކަށް އެފަދަ ތަންތަން ފަރުމާކުރެއްވުން ފަދަ ކަންތައް މިހާރުވެސް ކުރައްވަމުން ގެންދަވާކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ޔޫތް ސެންޓަރުތަކުގައި މަސައްކަތް ކުރާނެ ޒުވާނުން ހޯދެވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ. 

ޔޫތު ސެންޓަރުތައް ޤާއިމްކުރެވި ކުޅިވަރުފަދަ ވަޞީލަތްތައް ޤާއިމްކުރައްވާފައިވާ ރަށްރަށުގެ ޒުވާނުންގެ ކުށުގެ ރިކޯޑް އޮންނަ މިންވަރު ދަށަށް ދާކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވެއެވެ.

ރަށްރަށުގައި ކުޅިވަރާއި އެހެނިހެން ޙަރަކަތްތައް ކުރިޔަށް ގެންދެވުމަކީ އެއްބައިވަންތަކަން އާލާވާކަމެއްގެ ގޮތުގައި ފާހަގަކުރެވޭކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވެއެވެ.