ދީން

ދިވެހި އިމާމުން ތަމްރީނުކުރުމަށް މައްކާއަށް ފޮނުވަނީ


އިމާމުންނަކީ ތަޢުލީމީ ޤާބިލް ބަޔަކަށް ހެދުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަވާ ޕްރޮގްރާމްގެ ދަށުން، އިމާމުން ތަމްރީނުކުރުމަށް މައްކާ އަށް ފޮނުވުމަށް ތައްޔާރުވެ ވަޑައިގަންނަވަމުންދާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ވިދާޅުވެއްޖެއެވެ.

އިމާމުންގެ ގޮތުގައި މިހާރު ޚިދުމަތުގައި ތިއްބެވި އިމާމުން ޑިޕްލޮމާ ފެންވަރަށް ތަމްރީނުކުރައްވައި، އިމާމުން އުފެއްދުމަށް އަންނަ އަހަރު ޚާއްސަ މަސައްކަތްތަކެއް ކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ. އިމާމުން ތަމްރީންކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައްކާގެ އުއްމުލް ޤުރުއާން ޔުނިވަރސިޓީއާއި އިސްލާމިކް މިނިސްޓްރީ ގުޅިވަޑައިގެނެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއްގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާރޒް އަލީ ވަޙީދު ވިދާޅުވީ، އިމާމުން ތަމްރީން ކުރުމުގެ ފުރަތަމަ ބެޗްގައި ހިމެނޭ އިމާމުން މައްކާ އަށް ފުރުމަށް ވާންޖެހޭ ތައްޔާރީތައް ފަށްޓަވާފައިވާ ކަމަށެވެ. ތަމްރީނަށް މައްކާއަށް ފޮނުވާ އިމާމުންގެ ފުރަތަމަ ބެޗުގައި ހިމެނެނީ މާލެ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި މަސައްކަތްކުރާ އިމާމުން ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

''ފުރަތަމަ ބެޗްގައި ސައުދީއަށް މި ފޮނުވަނީ ރާއްޖޭގައި އުފެދިފައި އޮތް ތިން ސިޓީގައި ތިބި އިމާމުން. އިމާމުން މިގޮތަށް ތަމްރީނުކުރުވެމުން ބޭރުގެ އެކިއެކި ގިނަ ފުރުސަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ." މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާރޒް ވިދާޅުވިއެވެ. 

މީގެ އިތުރުން އިމާމުން ތާޒާ ކުރުމުގެ ޕްރޮގްރާމާއި، ވާއިޒުން ތަމްރީނު ކުރުމަށް މިސްރުގެ އަޒްހަރު ޔުނިވަރސިޓީއަށް ފޮނުވުމަށް ނިންމަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މިތަމްރީނު ޕްރޮގްރާމްގައި 50 އިމާމުން ބައިވެރިކުރުމަށް ވަނީ ހަމަޖެހިފައެވެ. އިސްލާމިކް މިނިސްޓްރީއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިވަޑައިގެން ކުރިއަށް ގެންދަވާ އިމާމުންގެ ޑިޕްލޮމާ ކޯހުގައި މިހާރު 25 އިމާމަކު ތަމްރީނުވަމުންދެއެވެ. މިއީ ދެއަހަރު ދުވަހުގެ ޕްރޮގްރާމެކެވެ. މުޅި ރާއްޖޭގައި މިވަގުތު ފަސް ސަތޭކައަށްވުރެ ގިނަ އިމާމުން އެބަތިއްބެވެ.