ސިޔާސީ

ޕާޓީގެ ދަފްތަރުން އުނިކުރީ ޤަވާއިދާ ޚިލާފަށް- އަލްހާން


އެމް.ޑީ.ޕީގެ ކުރީގެ ނާއިބުރައީސް އަލްހާން ފަހުމީ އެޕާޓީގެ މެންބަރުންގެ ދަފްތަރުން އުނިކޮށްފައިވަނީ އެމް.ޑީ.ޕީގެ އަސާސީ ޤަވާއިދާ ޚިލާފަށްކަމަށް ވިދާޅުވެ، އޭނާއަށްވެސް އެމް.ޑީ.ޕީގެ މެންބަރުންނަށް ލިބިގެންވާ ޙައްޤުތައް ލިބިވަޑައިގެންވާނެކަމަށް ކަނޑައަޅުއްވައިދެއްވުމަށް އަލްހާން ފަހުމީ މިއަދު ސިވިލްކޯޓްގައި އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ ރައީސާއި ނާއިބު ރައީސްގެ ދައުރު ހަމަވެފައިވާއިރުވެސް އެ އިންތިޚާބު ބާއްވާފައި ނުވާކަމަށް ބުނެ އޭނާ ކޯޓަށް ހުށައެޅި މައްސަލައިގައި، އަލްހާން ފަހުމީއަކީ އެމް.ޑީ.ޕީގެ މެންބަރެއް ނޫންކަމުން އޭނާއަށް އެފަދަ ދަޢުވާއެއް ކޯޓަށް ހުށަނޭޅޭނެކަމަށް ބުނެ އެމް.ޑީ.ޕީގެ ފަރާތުން ހުށައަޅާފައިވާ އިޖްރާއީ ނުކުތާއަށް ޖަވާބުދެއްވަމުން އަލްހާން ވިދާޅުވީ އޭނާ އެޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް ނިންމި ނިންމުން އެޕާޓީގެ އަސާސީ ޤަވާއިދާ އެއްގޮތަށް އިސްތިޢުނާފަށް ހުށައަޅާފައިވަނިކޮށް އޭނާ އެމް.ޑީ.ޕީގެ މެންބަރުންގެ ދަފްތަރުން އުނިކޮށްފައިވަނީ ޤަވާއިދާ ޚިލާފަށްކަމަށެވެ. އަދި އެމް.ޑީ.ޕީން އޭނާގެ ނަން އެޕާޓީގެ ދަފްތަރުން އުނިކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވަނީ، އޭނާ ސިވިލްކޯޓަށް ހުށައަޅާފައިވާ މައްސަލައަށް ހުރަސްއެޅުމުގެ ގޮތުންކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

މިމައްސަލައިގައި އެމް.ޑީ.ޕީގެ ފަރާތުން ހުށައެޅި އިޖްރާއީ ނުކުތާގައި އަލްހާން ފަހުމީއަކީ އެމް.ޑީ.ޕީގެ މެންބަރެއް ނޫންކަމުން އެޕާޓީގެ މައްޗަށް އެފަދަ ދަޢުވާއެއް ހުށައެޅުމުގެ ޙައްޤު އޭނާއަށް ލިބިގެން ނުވާކަމަށް ބުނެފައިވެއެވެ. އަދި މި މައްސަލައަކީ ޕާޓީގެ އެތެރޭގައި ޤާއިމުކުރެވިފައިވާ ގުނަވަންތަކުން ޙައްލު ހޯދިދާނެ މައްސަލައެއްކަމުން މި މައްސަލައަކީ މިމަރުޙަލާގައި ސިވިލް ކޯޓްގައި ބެލޭނެ މައްސަލައެއް ނޫންކަމަށްވެސް ބުނެފައިވެއެވެ. މި އިޖްރާއީ ނުކުތާއަށް ޖަވާބުދެއްވަމުން އަލްހާން ވިދާޅުވީ މިމައްސަލައަކީ އެމް.ޑީ.ޕީގެ އެތެރޭގެ އެއްވެސް ގުނަވަނެއްގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ މައްސަލައެއް ނޫންކަމަށެވެ.

އެމް.ޑީ.ޕީގެ މައްޗަށް އެޕާޓީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ ސިވިލް ކޯޓުގައި ދައުވާކުރައްވާފައިވަނީ އެމް.ޑީ.ޕީގެ ރައީސާއި ނާއިބުރައީސްގެ ދައުރު ހަމަވެފައިވާއިރުވެސް އެމަޤާމުތަކުގެ އިންތިޚާބު ބާއްވާފައި ނުވާކަމަށް ބުނެއެވެ.