ޢިމާރާތް ފަރުމާކުރާ ފަރާތްތަކަށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ޢިމާރާތް ފަރުމާކުރުމަށް އެނަރޖީ އެފިޝެންސީ އާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ތަމްރީން ބައްދަލުވުމެއް ބާއްވަވައިފިއެވެ. މިނިސްޓްރީއޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާރ ގުޅިވަޑައިގެން އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވި މިބައްދަލުވުމުގައި ޢިމާރާތް ފަރުމާ ކުރާ 41 ފަރާތަކުން ބައިވެރިވެފައިވެއެވެ.
ޢިމާރާތް ފަރުމާ ކުރާ ފަރާތަކަށް ޚާއްސަކުރައްވައިގެން ކުރިއަށްގެންދެވި މިބައްދަލުވުމަކީ ތިމާވެއްޓާ ރައްޓެހިގޮތަކަށް ނުވަތަ ފެހި ސިފަތަކެއް ލިބިގެންވާ ގޮތަށް ޢިމާރާތް ފަރުމާކުރުމަށް އެނާރޖީ އެފިޝެންސީ އާއި ބެހޭގޮތުން މަޢުލޫމާތުދެއްވައި އަހުލުވެރިކުރެއްވުމަށް ކުރިއަށް ގެންދެވި އެއްދުވަހުގެ ތަމްރީން ބައްދަލުވުމެކެވެ.
ރާއްޖެފަދަ ނާޒުކު ތިމާވެއްޓެއް އޮންނަ ޤައުމެއްގައި ޢިމާރާތް ކުރުމުގައި ތިމާވެއްޓާއި ރައްޓެހި ތަކެތި ބޭނުން ކުރުމާއި އަދި ޢިމާރާތްތަކުގައި ސެންސަށް މަސައްކަތް ކުރާ ފަދަ ކަރަންޓް ސާމާން ބޭނުން ކުރުމުގެ މުޙިއްމުކަމާބެހޭ ގޮތުން މަޢުލޫމާތުދެއްވާފައިވެއެވެ.
މި ތަމްރީން ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑު އެނާޖީ ޢަބުދުﷲ މަޖީދު ވަނީ، ކުރިއަށް އޮތް ތަނުގައިވެސް ޢިމާތާރް ކުރާ ފަރާތަކަށް މިފަދަ އިތުރު ތަމްރީންތައް ކުރިއަށްގެންދަވާނެކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުވުމަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީން ކުރިއަށްގެންދަވާ ދެ މަޝްރޫޢެއްކަމުގައިވާ ސްޓްރެންތެނިންގ ލޯ ކާބަން އެނާޖީ އައިލެންޑް ސްޓްްރެޓެޖީސް މަޝްރޫޢުއާއި އެޗް.ސީ.އެފް.ސީ ފޭސް އައުޓް މެނޭޖްމެންޓް ޕްލޭން މަޝްރޫޢުގެ އެހީގައި ކުރިއަށްގެންދެވި ބައްދަލުވުމެކެވެ.
މިބަައްދަލުވުމުގެ ބައިވެރިންނަށް މަޢުލޫމާތް ދެއްވީ ޔުނައިޓެޑް ނޭޝްންސް އެންވަޔަރަންމެންޓް ޕްރޮގުރާމާއި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ކަމާބެހޭ ބޭފުޅުންނެވެ.
ސްޓްރެންތެނިންގ ލޯ ކާބަން އެނަޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނސްޓްރީއޮފް އެންވަޔަރަންމަންޓާއި އ.ދ ގެ ތިމާވެއްޓާއިބެހޭ ޖަމްޢިއްޔާ ގުޅިގެން ގުލޯބަލް އެންވަޔަރަންމެންޓް ފެސިލިޓީ ( ޖީ.އީ.އެފް ) ގެ އެހީގައި ކުރިއަށްގެންދަވާ މަޝްްރޫޢެކެވެ.