ޚަބަރު

ޙުސެއިން މުޙައްމަދު މަރާލި މައްސަލަ - 3 މީހަކު އުމުރަށް ޖަލަށް


ހއ. ހޯރަފުށީ ޙުސެއިން މުޙައްމަދު މަނިކު މަރާލި މައްސަލައިގައި 3 މީހަކު ޢުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރައްވައިފިއެވެ.

2010 ވަނައަހަރު ހއ.ހޯރަފުށީ ފަޅު ގޯއްޗެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ޙުސެއިން މުޙައްމަދު މަނިކު މަރާލި މައްސަލައިގައި ދައުލަތުން ޓެރެރިޒަމްގެ ދައުވާ އުފުއްލަވާފައިވާ 3 މީހުންނަކީ ހއ. ހޯރަފުށީ ސޯސަންވިލާ ނުޢުމާން ޢަބްދުﷲ އާއި، ހއ. ހޯރަފުށީ އުންމީދީ މަންޒިލް އަޙްމަދު އިބްރާހީމާއި، ހއ. ހޯރަފުށީ ޅޮހީގެ މުޙައްމަދު ލަޠީފެވެ.

މިމައްސަލައިގެ ޝަރިއްޔަތްތައް ނިންމަވާލެއްވިތާ ގިނަދުވަސްތަކަކަށްފަހު މިއަދު ކްރިމިނަލް ކޯޓުން ވަނީ މި 3 މީހުންގެ މައްޗަށް ޙުސެއިން މުޙައްމަދު މަނިކު މަރާލި މައްސަލައިގައި ދައުލަތުން އުފުއްލަވާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅުއްވައި މި ތިން މީހުން އުމުރަށް ޖަލަށްލުމަށް ޙުކުމް ކުރައްވާފައެވެ.

ހއ. ހޯރަފުށީ ޙުސެއިން މުޙައްމަދު މަނިކު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނިފައިވަނީ 2010 ވަނައަހަރުގެ ތެރޭގައެވެ. މިމައްސަލައިގައި ދައުލަތުން ވިދާޅުވެފައިވަނީ ޙުސެއިން މުޙައްމަދު ރަޙީނު ކުރުމަށްފަހު މަރާލާފައިވަނީ މި ތިން މީހުން ބައިވެރިވެގެންކަމަށެވެ. އަދި ހުސެއިން މުޙައްމަދު މަރާލުމަށްފަހު އޭނާ ދިރިއުޅޭ ގެއިން ގިނަ އަދަދެއްގެ ފައިސާ ވަގަށްނަގާފައިވާކަމަށެވެ.

މިމައްސަލައިގެ ޙުކުމްގައި ބަޔާންކުރައްވާފައިވަނީ މިމައްސަލާގައި ދައުލަތުން ދައުވާ އުފުއްލަވާފައިވާ ތިން މީހުން ކަމުގައިވާ ނުޢުމާން ޢަބްދުﷲއާއި، އަޙްމަދު އިބްރާހީމާއި، މުޙައްމަދު ލަޠީފް ބައިވެރިވެގެން ޙުސެއިން މުޙައްމަދު ރަޙީނުކުރުމުގައި މި 3 މީހުން ވެސް ބައިވެރިވެފައިވާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާކަމަށެވެ. އެހެންކަމުން ދައުލަތުން އުފުއްލަވާފައިވާ ޓެރަރިޒަމްގެ ދައުވާ 3 މީހުންގެ މައްޗަށްވެސް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅުއްވާފައެވެ.