ތަޢުލީމު

މާވަށު ސްކޫލަށް އިތުރުކުރާ ދެބުރި އިމާރާތުގެ މަސައްކަތް ފަަށައިފި


ލ. މާވަށު ސްކޫލަކީ އެލް.ކޭ.ޖީއިން ފެށިގެން ގްރޭޑް ދިހައަކާއި ހަމައަށް ކިޔަވައިދެއްވަމުން ގެންދަވާ ސްކޫލެކެވެ. ރާއްޖޭގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލެއް ހޯދަވައިދެއްވުމަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ދަށުން މާވަށު ސްކޫލްގައި ދަނީ ފަސް ކުލާސްރޫމާއި މަލްޓިޕާރޕަސް ހޯލެއް ހިމެނޭހެން ދެބުރީގެ ޢިމާރާތެއް އެޅުއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މިހާރު އެ ޢިމާރާތުގައި ދަނީ ފައުންޑޭޝަން އެޅުމުގެ މަސައްކަތެވެ.

މާވަށު ސްކޫލްގެ އަލަށް ޢިމާރާތް ކުރައްވާ ކުލާސްރޫމާއި ގުޅޭ ގޮތުން ޕީ.އެސް.އެމް އަށް މަޢުލޫމާތުދެއްވަމުން މާވަށު ސްކޫލްގެ ޕްރިންސިޕަލް ޒުލެއިޙާ ރަފީޢު ވިދާޅުވީ އެ ޢިމާރާތުގެ މަސައްކަތް ނިންމާ ބޭނުން ކުރަން ފެށުމުން މިހާރު އެސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށެވެ.

"ޖާގައިގެ ދަތިކަމަށް ލިބިގެންދާނެ ކުރިއެރުމެއް. ކުރީގައި ހޯލެއް ގެ ފަސޭހަ ލިބިފައި ނެތުމާއެކު މަލްޓިޕާޕަސް ހޯލަކާއި 400 ޖާގައިގެ ހޯލަކާއި 5 ކުލާސްރޫމްގެ މަސައްކަތް އިމާރާތުގެ ދެކުނު ފަރާތުގައި ދަނީ ކުރިޔަށް. މި ފަސްކުލާސްރޫމް ލިބުމުން ކުރިޔަށް އޮތްތާންގައި ގިނަ ވަސީލަތްތަކެއް މި ސްކޫލްގައި ޤާއިމްވެގެންދާނެ" ޒުލެއިޚާ ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14818965296617.jpg|މާވަށު ސްކޫލްގައި ކިޔަވާދެއްވަނީ

ސްކޫލް ޢިމާރާތް ކުރެއްވުމުގެ އިތުރުންވެސް އެ ސްކޫލްގެ ކިޔެވުމުގެ ފެންވަރު ރަނގަޅުކޮށް ތަރައްޤީ ކުރެއްވުމަށްޓަކައި ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މާވަށު ސްކޫލުން އިސްނަގައިގެން ސްކޫލްގެ ކިޔެވުން ޒަމާނީ ފެންވަރަށް ތަރައްޤީކުރެއްވުމަށްޓަކައި، މިހާރުވަނީ 12 ކުލާސް ރޫމްގައި ފަންސާސް ދެއިންޗިގެ ޓީވީ ހަރުކުރައްވައި، ސްމާޓް ކުލާސް ރޫމްތަކަކަށް ބަދަލު ކުރައްވާފައެވެ. މި އަންނަ ދިރާސީ އާއަހަރުގެ ކިޔެވުން ފެށޭއިރު ކޮންމެ ކުލާހެއްގައި މިނީ ޕީސީ އިންސްޓޯލް ކުރައްވާ ނިންމޭނެކަމަށް ޒުލައިހާ ވިދާޅުވިއެވެ. މާވަށު ސްކޫލްގައި ހަރުކޮށްފައިވާ 12 ޓީވީގެ ތެރެއިން 11 ޓީވީއަކީ އެރަށު ކައުންސިލުން ހަދިޔާ ކުރެއްވި ޓީވީތަކެއްކަމަށާއި، 12 މިނީ ޕީސީތައް ހަދިޔާ ކުރެއްވީ އެ އަތޮޅު ކައުންސިލް ކަމަށް ޒުލައިޙާ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14818965618991.jpg|މާވަށު ސްކޫލްގައި ކިޔަވައިދެއްވަނީ

"މަލްޓި ޕާރޕަސް ރޫމެއްގެ ގޮތުގައި ބޭނުންކުރާ ދިމާލުގައި ސްމާޓް ބޯޑެއް ވަނީ އިންސްޓޯލް ކުރައްވާފައި. ކުރީގެ ބޯޑާއި ޓީޗަރުންގެ އިތުރުން، އިންޓްރެކްޓިވް ވާނެގޮތަށް ފިލާވަޅުތައް ގެންދިއުމަށްޓަކައި މަސައްކަތް ކުރައްވަމުން މިގެންދަނީ. 2017 ފެނިގެންދާނީ މިދިޔަ އަހަރުތަކާއި ތަފާތުކޮށް، ކުދިންގެ ސަމާލުކަމާއި ޝައުގުވެރިކަން އިތުރުވެގެންދިޔަ، ކުދިން ޝައުގުވެރިނުވާ ޓޮޕިކްތައްވެސް ކުދިން ޝައުގުވެރިކަން އިތުރުވެގެންދިޔަ" ޒުލެއިޚާ ވިދާޅުވިއެވެ. 

ލ. މާވަށު ސްކޫލްގައި އިމާރާތް ކުރައްވާ 5 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އިމާރާތް ކުރެއްވުމަށް ގާތްގަޑަކަށް 11 މިލިޔައަނަށްވުރެ ގިނަރުފިޔާ ޙަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި ސްކޫލު ޢިމާރާތުގެ މަސައްކަތް 2017 ވަނައަހަރުގެ ޖުލައިމަހު ނިންމުމަށް ވަނީ ނިންމަވާފައެވެ.