އަންނަ އަހަރު 80 ރަށެއްގައި ފެންބޮޑުވުމާއި ގުޅިގެން ލިބޭ ގެއްލުންތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުއްވުމުގެ ނިޒާމް ޤާއިމް ކުރައްވަން ނިންމަވާފައިވާކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ކާރިސާގެ ކަންކަން ހިންގުމުގެ ދާއިރާއިން ކުރާނެ މަސައްކަތްތައް ދުރާލާ ކަނޑައެޅުއްވުމުގެ ގޮތުން ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ 5 އަހަރު ދުވަހުގެ ޤައުމީ ޕްލޭނެއް އެކުލަވާލުމަށް ފެއްޓެވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ޤުދުރަތީ ތަފާތު ބޮޑެތި ކާރިސާތައް ހިނގާފައިވާކަމަށެވެ. އެހެންކަމުން އަދި މިފަދަ ކާރިސާތަކުން ރައްކާތެރިވުމަށް ސަރުކާރުން ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ފާއިތުވި ދެއަހަރު ދުވަހުގެ ތެރޭގައި އަލިފާނުގެ ބޮޑު 7 ހާދިސާއެއް ހިނގާ އާންމުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި މިފަދަ ހާދިސާތަކުގެ ސަބަބުން މީހުންގެ ދިރިއުޅުމަށާއި، ގޯތި ގެދޮރަށާއި، ހިފާ ގެންގުޅޭތަކެއްޗަށް ބޮޑެތިގެއްލުންތަކެއް ލިބި ސަރުކާރުން އެކަމަށް ބޮޑު ޚަރަދުތަކެއް ކުރައްވާފައިވެއެވެ. ވޭޔުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 228 މީހުނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި މީހުންނަށް އެކަނި ސަރުކާރުން 9 މިލިއަން ރުފިޔާ ޙަރަދުކުރައްވާފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އައްޑޫ ސިޓީގައި މިދިޔަ އަހަރު ހިނގި ފެންބޮޑުވުމުގެ ހާދިސާގައި 172 ފަރާތަކަށް އެހީތެރިވުމުގެ ގޮތުން 2.5 މިލިއަން ރުފިޔާ ލިބުނު ގެއްލުންތަކަށް ސަރުކާރުން އެހީ ދެއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަހަރު ތ އަތޮޅުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާއަށް ނުވަ ސަތޭކަ ހާސް ރުފިޔާ ހަރަދުކުރައްވާފައިވާއިރު، މިފަދަ ކާރިސާތަކުން ސަލާމަތްވުމަށް ފެންބޮޑުވެދާނެކަމަށް ލަފާކުރެވޭ 30 ރަށެއްގައި ފެންބޮޑުވުމުން ރައްކާތެރިވުމަށް އެޅިދާނެ ވަސީލަތް ޤާއިމްކުރެއްވުމަށް 2.5 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކުރައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މާލޭގައި ހިނގާ ނުރައްކާތެރި އަލިފާނުގެ ޙާދިސާތައް މަދުކުރެއްވުމަށް އެމްއެންޑީއެފުން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ، މާލޭގައި ހިނގާ ހާދިސާތަކުން ރައްކާތެރިވުމަށް މަޖީދީމަގުގައި ހަރުކުރައްވާ ހައިޑްރޯންޓް ސިސްޓަމް އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ނިމިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ގުދުރަތީ ގޮތުންނާއި އެހިނިހެން ގޮތްގޮތުން ހިނގާ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.