ވޭތުވެދިޔަ 3 އަހަރުދުވަހަކީ ތިމާވެށި ޙިމާޔަތްކުރުމުގެ ދާއިރާއިން މީގެކުރިން ދުވަހަކުވެސް ރާއްޖެއިން ނުކުރާވަރުގެ ބޮޑެތި މަސައްކަތްތަކެއް ދިވެހި ސަރުކާރުން ކުރައްވައި ގިނަކަންތައްތަކެއް މިދާއިރާއިން ކާމިޔާބުކުރެއްވި 3 އަހަރުކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، ރައީސް ޔާމީން ރާއްޖޭގެ ވެރިކަމަށްވަޑައިގަތުމަށްފަހު، އެންމެ އިސްކަމެއް ދެއްވި އެއްދާއިރާއަކީ ރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ ދާއިރާކަމަށެވެ. އެގޮތުން ދުނިޔޭގެ ފެންވަރުގައި ރާއްޖެއިން އިސްނަންގަވައިގެން ކުރެއްވި މަސައްކަތްތަކަކީ ކާމިޔާބު މަސައްކަތްތަކެއްކަމަށެވެ.
އެގޮތުން އެލަޔަންސް އޮފް ސްމޯލް އައިލެންޑްސް ސްޓޭޓްސް ނުވަތަ ކުދި ޖަޒީރާ ޤައުމުތަކުގެ އިއްތިޙާދުގެ ޗެއަރގެ ޙައިސިއްޔަތުން ރާއްޖެއިން ކުރައްވާފައިވަނީ ކާމިޔާބު މަސައްކަތްތަކެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެތެރޭގައި ކަނޑުގެ ދިރުން ޙިމާޔަތްކުރުމަށް ކުރެއްވި މަސައްކަތްތަކުގެ ތެރެއިން ކަނޑުގެ ދިރުން ޙިމާޔަތްކުރުމުގެ މުޢާހަދާ (ސައިޓީސް)ގެ އެޕެންޑިކްސް 2 ގައި އައިނުމަތީ މިޔަރު ހިމެނުނީ ސީދާ ރާއްޖެއިން ކުރި މަސައްކަތުންކަން އެންވަޔަރަމަންޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އައިނުމަތީ މިޔަރަކީ ތިމާވެށީގެ ގޮތުން އަދި އިޤްތިޞާދީ ގޮތުން ވަރަށް މުހިއްމު ދިރުމެއްކަމަށްވާއިރު، ރާއްޖޭގެ ދެމެހެއްޓެނިވި ދޮށީގެ މަސްވެރިކަމުގައި އައިނުމަތީ މިޔަރު އަދާކުރާ ރޯލަކީ މުހިންމު ދައުރެއްކަމަށެވެ. (ސައިޓީސް)ގެ އެޕެންޑިކްސް 2 ގައި އައިނުމަތީ މިޔަރު ހިމެނުމާއެކު އެފަދަ މިޔަރުގެ ވިޔަފާރިކުރުން މަނާވެ، މިޔަރު ވަނީ ޙިމާޔަތްވެފައެވެ.
މީގެއިތުރުން ކުރިން ވަކިމުއްދަތަކަށް ޙިމާޔަތްކޮށްފައިވާ ވެލާކަހަނބުގެ ބާވަތްތައް ދާއިމީގޮތެއްގައި ޙިމާޔަތްކުރުމާއި، ރާއްޖޭގައި ހުރި ތިމާވެށީގެގޮތުން ޚާއްސަ ނާޒުކު ސަރަޙައްދުތައް ޙިމާޔަތްކުރުމަށް މަސައްކަތްފެށުމަކީ ވެސް ސަރުކާރުން ކުރައްވާފައިވާ މުހިންމު މަސައްކަތެއްގެގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ތިމާވެށި ޙިމާޔަތްކުރުމުގައި ރާއްޖެއިން ކުރާ މަސައްކަތާމެދު އިދިކޮޅު ސިޔާސީ ފަރާތްތަކުން ރާއްޖެއިން ބޭރުގައި ދޮގުވާހަކަތައް ފަތުރާކަމަށާ، އޭގެސަބަބުން ޤައުމަށް ގެއްލުންވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެކަން ހުއްޓާލުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.