ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ނިމުމުގެ ކުރިން މި ބްރިޖުން ދަތުރުކުރާ މީހުން ހުޅުލެއިން ހުޅުމާލެއަށް ދަތުރުކުރުމަށް ހައްދަވާ މަގުގެ މަސައްކަތް ނިންމާލެވެނެކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި މަގު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރައްވާފައިވަނީ ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން އެޗް.ޑީ.ސީ އާއެވެ. މިކަމަށްޓަކައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި މި އެސްބަސްވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަންއެވެ.
މި މަސައްކަތް އެޗްޑީސީއާ ހަވާލުކުރައްވާފައިވަނި، ޢަމަލީ މަސައްކަތް ކުރިއަންއޮތް ދެމަހެންހާ ދުވަހުގެތެރޭގައި ފެއްޓަވާގޮތަށެވެ.
މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވަނީ މި މަގު ރަނގަޅު ފެންވަރެއްގައި ތަރައްޤީކުރެވިގެންދާނެކަން ފާހަގަކުރައްވާ، ބްރިޖް އާންމުންނަށް ހުޅުއްވާލެއްވުމުގެ ކުރިން މި މަގުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވިދާޅުވެފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެޗްޑީ ސީ ގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ މި މަގުގެ ކޮންސެޕްޓް މަސައްކަތް މުޅިން ނިމި މިހާރު ޑިޒައިން ކުރެވިފައިވާކަމަށެވެ. އަދި މިމަގަކީ ޓްރެފިކް ބާރުބޮޑު ނުވާނެފަދަ ގޮތަކަށް ބައްޓަން ކުރެވިގެން ތަރައްޤީ ކުރައްވާ މަގެއްކަމަށްވެސް ސައިމަން ވިދާޅުވިއެވެ. މި މަގުގެ ޢަމަލީ މަސައްކަތް ކުރިއަން އޮތް 2 މަސްދުވަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ބުނެއެވެ.