އަންނަން އޮތް ޖީލުތަކަށް ރަނގަޅު ތަޙުޒީބު ދިރިއުޅުމެއް ދަސްކޮށްދެއްވަން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން އިސްލާމީ މަރުކަޒުގައި ހޯމް މިނިސްޓްރީން ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
2015 ވަނަ އަހަރުން ފެށިގެން ސަރުކާރުން ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހު 26 ވަނަ ދުވަހަކީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެގޮތުގައި ފާހަގަކުރައްވަން ވަނީ ނިންމަވާފައެވެ.
މި ދުވަސް ފާހަކުރެއްވުމަށް ހޯމް މިނިސްޓްރީން ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ހަރުދަނާ ރަނގަޅު ޖީލެއް ބިނާ ކުރުމަށްޓަކައި ތުއްތު ކުދިންނާ މުޖުތަމަޢުގެ އެންމެ ބޮޑު އެއް ރަޢުސުލްމާލް ކަމަށްވާ ޒުވާނުންނަށް އަޅާލައި ލޯބި ދޭންޖެހޭ ކަމަށެވެ. މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ އަނެކުންނަށް އަޅާލާ އޯގާތެރިވެވެނީ ކިހާވަރަކަށްތޯ ތިމާގެ އަމިއްލަ ނަފްސާ ކޮންމެ ދިވެހި ފަރުދަކުވެސް ސުވާލު ކުރުން މުހިއްމު ކަމަށެވެ.
"ހަރުދަނާ ރަނގަޅު މުޖުތަމަޢުއެއް ލިބޭނީ ތުއްތު ކުދިންނާ ޒުވާނުންނަށް އަޅާލައި ލޯބިދީގެން. އަނެކުންނަށް ކިހާވަރަކަށް އަޅާލެވޭތޯ އޯގާތެރިވެވޭތޯ އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާ ސުވާލުކުރަން އެބަޖެހޭ،" ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.
މިޖަލްސާގައި ޑިފެންސް މިނިސްޓަރ ވަނީ، ޤައުމެއްގައި އޮންނަ އެއްބައިވަންތަކަން ނަގާލުމަށް ކުރަމުންދާ ކަންކަމަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ޤައުމެއްގައި އޮންނަ އެއްބައިވަންތަކަން ނަގާލުމަށް ކުރާ އެންމެ ބޮޑު އެއްކަމަކީ ދީނީ ގޮތުން ގެންނަ ތަފާތު ކުރުންތައް ކަމަށްވި ދާޅުވިއެވެ.
"މިއީ ޤައުމީ ޖަޒުބާތަށްވުރެ ވެސް މާ ނުފޫޒުގަދަކޮށް މީހުންގެ ހިތްތަކުގައި ކެކި އުތުރި އަރާ ކަމެއް،" ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.
ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ބޭއްވެވި ޖަލްސާގައި ޑިފެންސް މިނިސްޓަރ ވިދާޅުވީ މީގެ 12 އަހަރުކުރިން ދިވެހިންގެ ދައްކުވައިދީފައިވަނީ ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އެކުވެރިކަމާއި އެއްބައެއްވަންތަކަމުގެ ރިވެތި މިސާލު ކަމަށެވެ.