ތަރައްްޤީ

ރަސްފަންނު ފަދަ އިތުރު މަންޒިލެއް މާލޭގައި ތަރައްޤީ ކުރައްވަނީ


ރަސްފަންނު ފަދަ އިތުރު މަންޒިލެއް އަންނަ އަހަރު މާލޭގައި ތަރައްޤީ ކުރައްވާނެކަމަށް ހައުސިން މިނިސްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ހިންގަވާ މަޝްރޫޢުތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.

މާލެއަށް ކުރިމަތިވެފައިވާ ތޮއްޖެހުން ކުޑަކުރައްވައި މާލޭގައި ދިރިއުޅޭ ރައްޔިތުނަށް ހިތްފަސޭހަ މާޙައުލެއް ޤާއިމުކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން މާލޭގެ ހުސްބިންތަކާއި ހަނި ގޯޅިތައް އެދެވޭ ގޮތެއްގައި ބޭނުންކުރެއްވޭނެ ގޮތަށް ތަރައްޤީކުރައްވަން ވަނީ ފަށްޓަވާފައެވެ.

މި ގޮތުން މާލޭގައި ދިރިއުޅޭ  ރައްޔިތުންގެ އެންމެ  ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ އެންމަންޒިލަކީ މިއަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު މާލޭގެ ހުޅަނގުފަރާތުގައި ހުޅުއްވި ރަސްފަންނެވެ. އެތަނަކީ މާލެދަފަ ތޮއްޖެހިފައިވާ ތަނެއްގައި ދިރިއުޅޭ ތައްޔިތުންނަށް ހިންހަމަ ޖެހުމާއި އުފާވެރިކަން ގެނެސްދިން މުހިއްމު ތަނަކަށް ވަނީ ވެފައެވެ. މިފަދަ ހިއްގައިމު ތަންތަން އިތުރުކުރުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން މިހާރު ވަނީ މާލޭގެ އިރުމަތީ ފަރާތުގައި ތަރައްޤީކުރައްވާފައިވާ ހެދިގޮޑުދޮށްވެސް ރަސްފަންނާ އެއްވަރަށް ތަރައްޤީކުރެއްވުމަށް ނިންމަވާފައެވެ.

ހުރިހާ ޢުމުރުފުރާއަކަށް ބޭނުން ހިފޭނެފަދަ ގޮތަކަށް ހެދިގޮނޑުދޮށް ތަރައްޤީކުރައްވަން ނިންމާފައިވާއިރު މިތަން ތަރައްޤީކުރެއްވުމަށް ހަމަޖެހިފައިވަނީ ރަސްފަންނުން ރައްޔިތުންނަށް ލިބެމުންދާ ޚިދުމަތްތަކާއި އެއްފެންވަރަށް ޚިދުމަތް ލިބޭނެގޮތަށެވެ. މިގޮތުން  އެތަން ތަރައްޤީކުރައްވަން ނިންމާފައިވަނީ އައުޓްޑޯ ޖިމަކާއެކު ކަމަށް ހައުސިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

"މާލޭ އީސްޓް ކޯސްޓް ރީ ޑިވޮލޮޕްމެންޓް ޕްރޮޖެކްޓުގެ ދަށުން ހިންގާ މަސައްކަތްތަކުގެ ތެރެއިން މާލޭގެ އިރުމަތީ ހިއްކާފައިވާ ބިން ޕްލޭންކުރެވި ތަރައްޤީ ކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދާނަން" ހައުސިން މިނިސްޓަރ ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2016 ވަނަ އަހަރު ސަރުކާރުން ފަށްޓަވާފައިވާ ތަރައްޤީގެ މަޝްރޫޢުތައް 2017 ވަނަ އަހަރުގެ ނިޔަލަށް ނިންމާލެއްވުންކަމަށެވެ. އަދި މީގެ އިތުރުން ސަރުކާރުން ކަންޑައަޅުއްވާފައިވާ މުހިއްމު ބައެއް މަޝްރޫޢުތައް އަންނަ އަހަރު ފެއްޓެވުމަށް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެގޮތުން ލަފާފުރުމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށްރަށަށް ޙައްލު ހޯދައިދެއްވުމުގެ ގޮތުން ބަނދަރު ހެދުމުގެ މަޝްރޫޢުއާއި، ކުދި އާބާދީތައް އޮންނަ ރަށްރަށުގައި ޖެޓީ ހެދުމާއި މަގުބައްތި ޖެހުންފަދަ ރައްޔިތުންނާ ސިދާ ގުޅިފައިވާ މަޝްރޫޢުތައް ކުރިއަށް ގެންދެވުމަކީ ސަރުކާރުން ވަރަށް އިސްކަން ދެއްވާ ކަމެއްކަމަށް މިންސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.