އައި.ޖީ.އެމް.އެޗާއި އެ ހޮސްޕިޓަލުގެ ބެއްލެވުމުގެ ދަށުން ހިންގަވާ ޞިއްޙީ ޚިދުމަތާގުޅޭ ތަންތަނުގައި މިއަންނަ އާދީއްތަ ދުވަހުން ފެށިގެން އެނާރޖީ ޑްރިންކްސް ވިއްކުން މަނާކުރައްވައިފިއެވެ.
އައި.ޖީ.އެމް.އެޗުގެ މި ނިންމެވުމާ ބެހޭގޮތުން އެ ހޮސްޕިޓަލުގެ މީޑިއާ ޑިރެކްޓަރ ވިދާޅުވީ، މި ނިންމުމުގެ ދަށުން އައި.ޖީ.އެމް.އެޗާއި، ވިލިމާލެ ހޮސްޕިޓަލުގެ ކެންޓީންތަކާއި، އެނޫނަސް އެ ދެހޮސްޕިޓަލުގެ ބެއްލެވުމުގެ ދަށުން ޚިދުމަތްދެއްވާ ތަންތަނުގައި ހުންނަ ވިޔަފާރިކުރާ ތަންތަނުން އެއްވެސް ބާއްވަތެއް އެނަރޖީ ޑްރިންކެއް ވިއްކުމަކީ މަނާކަމެއްކަމަށެވެ.
"އައި.ޖީ.އެމް.އެޗުގެ ގްރޫޕް އޮފް ހޮސްޕިޓަލްސްތަކުގެ މުވައްޒަފުންނަށް ޢަމާޒުކޮށްގެން، ދުޅަހެޔޮ ޞިއްޙަތައް ކެމްޕޭނެއް ހިންގުމަށް ވަނީ ހަމަޖެހިފައި. އެހެންވީމައި އަޅުގަނޑުމެން ޤަބޫލްކުރާގޮތުގައި، މިފަދަ ކެމްޕޭނެއް ހިނގަމުންދާއިރު، އައި.ޖީ.އެމްއެޗުގެ އައުޓްލެޓްތަކުގައި، އެނާޖީ ޑްރިންކްފަދަ ޞިއްޙަތައް ނުރައްކާތެރި ބުއިންތައް ލިބެން ހުރުމަކީ އެންމެ އެދެވިގެންވާ ގޮތެއް ނޫން. އޭގެ ސަބަބުން ކެމްޕޭނަށްވެސް ނޭދެވޭ އަސަރުކުރާނެކަމަށް ބެލެވޭ. އެހެންކަމުން އައި.ޖީ.އެމް އެޗުން މި ނިންމީ، 2017 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން، އެނާޖީ ޑްރިންކް ވިޔަފާރި ކުރުމާއި އެނޫންވެސް ގޮތްގޮތައް ބޭނުންކުރުން އަޅުގަނޑުމެން މަނާކުރަން. އަޅުގަނޑުމެންގެ އިލްތިމާސްކުރަނީ މުވައްޒަފުންނާއި، ޚިދްމަތް ހޯއްދަވަން ވަޑައިގަންނަވާ ފަރާތްތަކުންވެސް މިފަދަ ބުއިންތައް ބޭނުން ނުކުރުމަށް." އަޙްމަދު މައްސޫމް ވިދާޅުވިއެވެ.
tw:https://twitter.com/igmhmv/status/814039951931125760
އައި.ޖީ.އެމް.އެޗުގެ މި ނިންމެވުމަށް، ޢަމަލުކުރައްވަން އެންގެވުމާއެކު، އެނރަޖީ ޑްރިންކުގެ ބަދަލުގައި، މީހާވެސް ތާޒާ އަދި ޞިއްޙަތަށް ފައިދާ ހުރި ބުއިންތައް، އައި.ޖީ.އެމް އެޗާއި ވިލިމާލެ ހޮސްޕިޓަލުން ޚިދުމަތް ލިބިގަންނަ މީހުންނަށް ލިބޭނޭ އިންތިޒާމް ހަމަސައްޖައްސަވައިދެއްވުމަށް، ޚިދްމަތްދޭ ފަރާތްތަކަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސް ކުރައްވާފައެވެ.