މިލަދުންމަޑުލު އުތުރުބުރީ ފަރުކޮޅުގައި އެއާޕޯޓެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އަރާމް ޓްރެވަލް ޕްރައިވެޓް ލިމިޓެޑާ ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ސޮއިކޮށްފިއެވެ.މިއެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހިމް ވިދާޅުވީ ފަރުކޮޅުގައި އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލު ކޮށްފައިވަނީ އެކުންފުނިން ފަންޑުކޮށްގެން މަސައްކަތްކުރިޔަށް ގެންދާގޮތަށްކަމަށާއި އޭގެ ބަދަލުގައި ރިޒޯޓެއް ތަރައްޤީކުރުމަށް އެކުންފުންޏަށް ރަށެއް ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.ފަރުކޮޅުގައި ތަރައްޤީކުރާ އެއާޕޯޓާ ގުޅިގެން ރިޒޯޓެއް ތަރައްޤީ ކުރުމަށް އަރާމް ޓްރެވަލް ޕްރައިވެޓް ލިމިޓެޑަށް ދޫކުރާ ރަށަކީ ގއ. އިންނަހެރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބް ވިދާޅުވީ އެއާޕޯޓާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއިން ދެވޭ ފަޅުރަށަކީ ޓޫރިޒަމްގެ މާސްޓަރ ޕްލޭންގައިވެސް ޓޫރިޒަމްގެ ދެވަނަ ޒޯންގައި ހިމެނޭ ސަރަހައްދުގައި ހިމެނޭ ރަށެއްކަމުން އެކަމުގެ ފައިދާ ޓުއަރިޒަމްދާއިރާއަށްވެސް ކުރާނެކަމަށެވެ.ޓްރާސްޕޯޓް މިނިސްޓަރ އަމީން އިބްރާހިމް ވިދާޅުވީ މިހާރުވެސް މަސައްކަތް ކުރިޔަށްދާ އެއާޕޯޓް ތަކުގެ ތެރެއިން ސެޕްޓެމްބަރުމަސް ހާތާނގައި ރ. އިފުރުގައި ހަދާ އެއާޕޯޓްގެ މަސައްކަތް ފެށޭވަރުވާނެކަމަށާ ނ. މާފަރާއި ދ. ކުޑަހުވަދޫ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް އަންނަ މަހު އިޢުލާންކުރާނެކަމުގައެވެ. މީގެ އިތުރުން ތިމަރަފުށީ އެއާޕޯޓްގެ މަސައްކަތް މިހާރުވެސް ކުރިޔަށްދާކަމަށާ އެތަނުގެ މަސައްކަތް ސެޕްޓެމްބަރ ނުވަތަ އޮކްޓޫބަރު ހިސާބުގައި މުޅިން ނިންމާލެވޭވަރުވާނެކަމަށް އަމީން ވިދާޅުވިއެވެ.