ތަރައްްޤީ

ކީ ސްޓޭޖް 3 ގެ ފޮތްތައް މި ހަފްތާގައި ހުރިހާ ސްކޫލަށް ފޮނުވޭނެ


ކީ ސްޓޭޖް 3 ގެ ފޮތްތައް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި، ހުރިހާ ސްކޫލަށް ފޮނުއްވައި ނިމޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ފެށޭ ދިރާސީ އަހަރު ފެށެންވާއިރަށް ބޭނުންވާ ހުރިހާ ފޮތްތަކެއް ދަރިވަރުންނަށް ލިބޭނެ ކަމަށެވެ.

މި ފެށޭ ދިރާސީ އައު އަހަރު ސްކޫލްތަކަށް ބޭނުންވާ ފޮތްތައް ފޮނުއްވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ކުރައްވަނީ ދެ ބުރަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ބުރުގައި ވަނީ ކީ ސްޓޭޖް 1 އަދި 2 އަށް ބޭނުންވާ ފޮތްތައް ހުރިހާ ސްކޫލަތަކަށް ފޮނުއްވައި ދަރިވަރުންނާއި ޙަވާލުކުރައްވާފައެވެ. ދެވަނަ ބުރުގެ ފޮތްތައް މިހާރު ސްކޫލްތަކަށް ފޮނުއްވަމުން ގެންދަވާއިރު މި މަސައްކަތް މި ހަފްތާގެ ނިޔަލަށް މުޅިން ނިންމާލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އަންނަ އަހަރު ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 3 ތަންފީޒު ކުރެއްވުމަށްޓަކައި ރާއްޖެއިން ބޭރުން ޗާޕްކުރެއްވި ފޮތްތައް ރާއްޖެ ގެންނަވައި ސްކޫލްތަކަށް ފޮނުއްވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ހަފްތާގައި ވަނީ ފަށްޓަވާފައެވެ. އެގޮތުން މާލެއާއި ކައިރި އަތޮޅުތައް ފިޔަވައި ދެން ހުރި އަތޮޅުތަކަށް ފޮތްތައް ފޮނުއްވައި ނިމިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހީމް އިސްމާޢީލް ވިދާޅުވީ ސްކޫލްތައް ހުޅުވުމުގެ އެއްދުވަސް ނުވަތަ ދެ ދުވަސް ކުރިން ހުރިހާ ސްކޫލްތަކަށް ކީ ސްޓޭޖް 3 ގެ ފޮތްތައް ފޮނުއްވައި ދަރިވަރުންނާއި ޙަވާލުކުރެއްވުމުގެ ކަންކަން ނިމޭނެ ކަމަށެވެ.

"ކީ ސްޓޭޖް އެކެއް، ދޭއްގެ ފޮތްތައް އަޅުގަނޑުމެން ބަހާ ނިންމައިފިން. ދެން ކީ ސްޓޭޖް ތިނެއްގެ ފޮތްތައް އަޅުގަނޑުމެން ނިންމާފައި މި އޮތީ ސްކޫލްތައް ހުޅުވެން ވާއިރަށް، އޭގެ މާނައަކީ އެއްދުވަސް ކުރިން ނުވަތަ ދެ ދުވަސްކުރިން ފޮތްތައް ހުރިހާ ސްކޫލްތަކަށް ރައްދުވާގޮތަށް. އޮންދަވޭގައި ހުރިހާ ފޮތްތަކެއް ވަނީ. މަދު އަތޮޅުތަކެއް ނޫން ހުރިހާ އަތޮޅުތަކަށް ފޮތްތައް ލިބިއްޖެ. އުންމީދުކުރެވެނީ ކުރިއަށް އޮތް ދެދުވަސް ތެރޭގައި، ބުރާސްފަތި ދުވަސް އަންނަން ވާއިރަށް އިރާދަކުރެއްވިއްޔާ ބާކީ ހުރި އަތޮޅުތަކަށް އެއެއްޗެހި ފޮނުވާލާ ސްކޫލްތަކަށް ރައްދުވާނެ ކަމަށް. ބާކީ ހުރި އަތޮޅުތަކަކީ ކައިރީގައި ހުރި އަތޮޅުތައް. ކ އަތޮޅު އއ އަދި އދ  މި އަތޮޅުތައް." އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ.

ކީ ސްޓޭޖް 1 އަދި 2 ގެ ފޮތްތައް ދަރިވަރުންނާއި ޙަވާލުކުރައްވައިފައި ވީނަމަވެސް، ދިވެހި އަދި އިސްލާމް ފޮތްތައް ކުރިން ސްކޫލްތަކަށް ފޮނުއްވާފައެއް ނުވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ކީ ސްޓޭޖް 1 އަދި 2 ގެ އިސްލާމް އަދި ދިވެހި 2 މާއްދާގެ ފޮތްތައް މިހާރު ސްކޫލްތަކަށް ފޮނުވަމުންދާ ފޮތްތަކާއެކު ފޮނުވަމުންދާ ކަމަށެވެ.