ވިޔަފާރި

އުރީދޫއިން ރާއްޖޭގެ ދެކުނުން އުތުރަށް ކޭބަލް އަޅައިފި


އުރީދޫ މޯލްޑިވްސްގެ ނޭޝަން ވައިޑް ސަބްމެރިން ކޭބަލް، ހދ. ކުޅުދުއްފުށީގައި ޤާއިމްކޮށްފައިވާ ލޭންޑިންގް ސްޓޭޝަނާއި ގުޅުވާލައި، ރާއްޖޭގެ ދެކުނުން އުތުރަށް ކޭބަލް އެޅުމުގެ އަމަލީ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވާކަމަށް އުރީދޫން ހާމަކޮށްފިއެވެ.

އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި މިއިންވެސްޓްމަންޓް އުރީދޫން ފަށައިފާވަނީ އެކުންފުންޏަށް ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ދިނުމުގެ ލައިސެންސް ލިބުމާއެކު، ވީހާވެސް އަވަހަކަށް ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަށްވެސް އެއް ފެންވަރެއްގައި ހައިސްޕީޑް އިންޓަނެޓް ފޯރުވައިދީ، ރާއްޖޭގެ ވިޔަފާރިތަކާއި މުޖުތަމަޢަށް ޒަމާނީ ޑިޖިޓަލް ފައިދާތައް ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށް އެކުންފުނިން ބުނެއެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވީ ޑިޖިޓަލް ޤައުމަކަށް ބޭނުންވާ ވަރުގަދަ ޒަމާނީ އިންފްރާސްޓްރަކްޗަރއެއް ތަރައްޤީ ކުރުމަށް ދިވެހި ސަރުކާރުން އަހަމިއްޔަތުކަން ދެއްވާއިރު، މި ތަޞައްވުރަށް އެއްބާރުލުން ދިނުމަކީ އުރީދޫއަށް ލިބޭ ފަޚުރެއްކަމަށެވެ.

ހުއާވޭ މެރިން އެޑްވާންސްޑް 100ޖީ ޓެކްނޮލޮޖީ ބޭނުންކުރާ ސަބްމެރިން ކޭބަލް މެދުވެރިކޮށް، އުރީދޫގެ +4G ނެޓްވޯކް މުޅި ރާއްޖެއަށް ފުޅާކުރެވި، ހައި ސްޕީޑް ބްރޯޑްބޭންޑް ޚިދުމަތް ދެވޭނެއެވެ. މުޅި ރާއްޖެއަށް އުރީދޫ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށްދާއިރު، މުޅިން އަލަށް 40 ރަށެއްގައި  +4G ގެ ޚިދުމަތް މިދިޔަ ހަފްތާގައި ވަނީ ތަޢާރަފްކޮށްފައި ކަމަށް އުރީދޫން ހާމަކުރެއެވެ.