ވިޔަފާރި

އެސްއެމްއީ ލޯނަށް ކަނޑައަޅުއްވާފައިވާ މިންވަރު ބޮޑުކުރައްވައިފި


ދިވެހިރާއްޖޭގެ ކުދިވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ޤާއިމް ކުރައްވާފައިވާ ކްރެޑިޓް ގެރެންޓީ ސްކީމް ހިންގެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްއެމްއޭއިންނެވެ. 2016 ވަނަ އަހަރުގެ އޮގަސްޓުމަހުގެތެރޭ ތަޢާރަފްކުރައްވާފައިވާ މި ސްކީމްގެ މަޤްޞަދަކީ ހެޔޮ އަގުގައި މާލީ ޚިދުމަތްތައް ކުދިވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ފޯރުކޮށްދިނުމާއި އެފަދަ ވިޔަފާރިތަކަށް ފަސޭހައިން ދަރަނި ލިބޭ މިންވަރު އިތުރުކޮށްދިނުމެވެ. 

މި ސްކީމްގެ ސަބަބުން ދަރަންޏަށް ފައިސާ ހޯދުމުގައި ހުރި ގޮންޖެހުންތަކަށް ލުޔެއް ލިބި، އަދި ރަހުނެއް ނެތް ފަރާތްތަކަށް ވެސް ރަހުނަކާ ނުލައި ދަރަނި ހޯދޭނެ މަގު ފަހިވެގެންދެއެވެ.  

އެމްއެމްއޭއިން މިސްކީމަށް ކަނޑައަޅާފައިވާ ޢަދަދު މިހާރު ވަނީ 50 މިލިއަން ރުފިޔާއިން 100 މިލިއަން ރުފިޔާއަށް އިތުރުކުރައްވާފައެވެ. ލޯނަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން 6 ފަރާތަކަށް ވަނީ ސްކީމްގެ ދަށުން ގެރެންޓީ ދެވިފައި ކަމަށާއި 39 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު އެޕްލިކޭޝަން ވަނީ ޕްރޮސެސިން ސްޓޭޖްގައި ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. ރާއްޖޭގައި ހިންގާ ބޭންކުތަކުގެ ތެރެއިން ދެ ބޭންކު ފިޔަވައި އެހެން ހުރިހާ ބޭންކުތަކަކުން މިސްކީމްގައި ވަނީ ބައިވެރިވެފައެވެ. އެ ބޭންކުތަކަކީ، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ، މޮރިޝަސް ކޮމާޝަލް ބޭންކް، ހަބީބް ބޭންކް ލިމިޓެޑް އަދި ބޭންކް އޮފް ސިލޯނެވެ. 

img:http://s1.psmnews.mv/images/660x400/14798024407632.jpg|މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ

ބޭންކުތަކުން ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކުގެ ތެރެއިން ސްކީމްގެ ދަށުން ގެރެންޓީ އަށް އެދި ހުށަހަޅާ އަދި ޝަރުޠު ފުރިހަމަވާ ފައިނޭންޝިއަލީ ވަޔަބަލް ވިޔަފާރިތަކަށް ދޫކުރެވޭ ލޯނުތަކަށް މި ސްކީމްގެ ދަށުން ގެރެންޓީ ދެވޭނެއެވެ. ގެރެންޓީ ދިނުމަށް ހަމަޖެހިފައިވަނީ 100000 (ސަތޭކަ ހާސް) ރުފިޔާ އާއި 1000000 (އެއް މިލިއަން) ރުފިޔާއާ ދެމެދު ލޯނުތަކަށެވެ. އަދި ލޯނުގެ ނުވަދިހަ އިންސައްތައާއި ހަމައަށް ގެރެންޓީ ދެވޭނެއެވެ.

މި ސްކީމްގެ ދަށުން ގެރެންޓީ ލިބިމުގެ މައިގަނޑު ޝަރުޠުތަކީ، ލޯނު ނަގާ ފަރާތަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ކުދިވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިއެއް ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްކަމުގައިވުން، ލޯނު ނަގާ ފަރާތަކީ ވަކި ފަރުދެއް ކަމުގައިވަނީނަމަ އެއީ ދިވެއްސެއް ކަމުގައިވުން އަދި ލޯނު ނަގާ ފަރާތަކީ ޤާނޫނީ ޝަހުސެއް ކަމުގައިވަނީނަމަ އެ ޝަހުސުގެ ވެރިފަރާތްތަކަކީ ދިވެހި ފަރާތްތައް ކަމުގައިވުން، އެއްވެސް ބޭންކެއް ނުވަތަ އެހެން ފައިނޭންޝިއަލް އިންސްޓިޓިއުޝަން އަކުން ދަރަންޏެއް ނުދެއްކިފައި ނުވުން އަދި ލޯނު ނަގާ ފަރާތުން ހިންގާ ވިޔަފާރި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށްވުމެވެ.