ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި ތަރައްޤީކުރައްވާ މިއުޒިއަމް ޕާކުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ހައްދަވާ ޕާކުގެ މަސައްކަތް މުޅިން ނިންމާ އަންނަ ހަފްތާގެ ތެރޭގައި އާއްމުކޮށް ހުޅުއްވާލާނެކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެމް.އާރު.ޑީ.ސީން ބުނެފިއެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަކޮށްގެން މާލޭގައި ހިތްފަޞޭހަ މައިޒާންތަކާއި ޕާކުތައް ސަރުކާރުން ތަރައްޤީ ކުރަށްވަމުންދާއިރު، އަތޮޅުތެރޭގައިވެސް ސަރުކާރުން ގެންދަވަނީ މިފަދަ މަޝްރޫޢުތައް ހިންގަވަމުންނެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއް މަޝްރޫޢަކީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ކުރިއަށް ގެންދަވާ މިއުޒިއަމް ޕާކު ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢުއެވެ.
ތިނަދޫގެ މިއުޒިއަމް ޕާކު ތަރައްޤީ ކުރައްވަމުން ގެންދަވަނީ ހައުސިން މިނިސްޓްރީއާއި އެމް.ޓީ.ސީ.ސީ އަދި އެމް.އާރު.ޑީ.ސީ، މި 3 އިދާރާ ގުޅިވަޑައިގެނެވެ. ތިނަދޫގައި ތަރައްޤީ ކުރައްވަމުންގެންދާ މިއުޒިއަމް ޕާކުގެ ލޭންޑް ސްކޭޕިން އާއި ޕޭވިންގެ މަސައްކަތް ކުރަމުން ގެންދަނީ މޯލްޑިވްސް ރޯޑްޑިވެލޮޕްމެންޓް ކޯޕަރޭޝަން އެމް.އާރު.ޑީ.ސީންނެވެ.
އެމް.އާރު.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޢަބުދުއްރައްޒާޤު ޙަލީމް ވިދާޅުވީ މިއުޒިއަމް ޕާކުގައި ތަރައްޤީ ކުރަމުންދާ ކުޑަކުދިންގެ ޕާކުގައި މިހާރު ކުރިއަށް ދަނީ އެތަނުގައި ބަހައްޓަންޖެހޭ ކުޅޭ ސާމާނުތައް ބެހެއްޓުމުގެ މަސައްކަތްކަމަށެވެ.
" އެމް.އާރު.ޑީ.ސީގެ ކޮމްޕޯނެންޓަކީ މިއުޒިއަމް ޕާކުގެ ލޭންޑް ސްކޭޕިން އާއި ޕޭވިންގެ މަސައްކަތް އަދި ޕްލޭ ސްޓަފް ޤާއިމް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެމް.އާރު.ޑީ.ސީގެ ކޮމްޕޯނެންޓްގެ މަސައްކަތް ނިންމާނަން. އެޕާކު ވެގެންދާނީ ވަރަށް ރީތި ރައްޔިތުންގެ ޕާކަކަށް" އިބްރާހިމް ޢަބުދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.
ތިނަދޫގެ މިއުޒިއަމް ޕާކުގެ، އިތުރުން ތިނަދޫގެ މަގުހެދުމުގެ މަޝްރޫޢުވެސް ކުރިއަށް ގެންދަނީ އެމްއާރުޑީސީންނެވެ. އެ މަސައްކަތުގެ 99 އިންސައްތަ ނިމިފައިވާއިރު ތިނަދޫގައި ތަރައްޤީ ކުރަމުންދާ 2 ފުޓްސެލް ދަނޑުގެ މަސައްކަތްވެސް ހަލުވިކަމާއި އެކު ކުރިއަށްދާކަމަށް އެމްއާރުޑީސީން ބުނެއެވެ.