މުނިފޫހިފިލުވުން

"ރައީސްގެ" ފުރަތަމަ ޓްރައިލަރ އަށް ބޮޑު ތަރުހީބެއް


މިއަހަރު ނުކުންނާނެކަމަށް ބެލޭވޭ ހިންދީ ފިލްމްތަކުގެ ތެރެއިން ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ޝާހްރުކް ހާންގެ "ރައީސްގެ" ފުރަތަމަ ޓްރައިލަރ އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ޔޫޓިއުބްގައި އާއްމުކޮށްފައިވާ މި ފިލްމްގެ ޓްރައިލަރ މިހާތަނަށް 40 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ. މި ފިލްމާއި އެއް ތާރީހެއްގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ރިތިކް ރޯޝަންގެ ކާބިލަށްވެސް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.

ރާހުލް ދިލޯކިއާ ޑައިރެކްޓް ކޮށްފައިވާ ފިލްމް ރައީސް ސިނަމާތަކަށް އަންނާނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ރިތޭޝް ސިދްވަނީގެ އިތުރުން ފަރްހާން އަޚްތަރާއި ޝާހުރުކްހާންގެ އަންހެންނުން ގޯރީ ޚާނެވެ.

މި ފިލްމުގައި ލީޑް ރޯލުން ޝާހްރުކް ޚާނާއި އެކު ފެނިގެންދާނީ ޕާކިސްތާނުގެ ފިލްމީ ތަރި މާހިރާ ޚާނެވެ. މީ އެނާ ބޮލީވުޑަށް ތައާރަފްވާ ފިލްމެވެ. މާހިރާ ޚާން އަކީ ބޮލީވުޑަށް މުޅިން އައު މޫނެއް ނަމަވެސް އޭނާ ވަނީ ޕާކިސްތާނުގެ ފިލްމުތަކުންނާއި ޓީވީ ޝޯވތަކުން ފެނި ޝަރަފްވެރި އެވޯޑްތަކެއް ހޯދާފައެވެ. ފިލްމް ރައީސްގައި މާހިރާގެ ރޯލެއް ފެނިގެން މިދަނީ ޕާކިސްތާނު ތަރިންނަށް ފާޑުކިޔުންތައް އަމާޒުވެ ޕާކިސްތާނު ތަރިން ހިމަނައިގެން ފިލްމްތައް ނުނެރުމަށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

ފިލްމް ރައީސްގެ ސައިޑް ރޯލްތަކުން ފެނިގެންދާ ތަރިންނަށް ބަލާލާއިރު ނަވާޒުއްދީން ސިއްދީޤް ފާހަގަކޮށްލެވެއެވެ. މި ފިލްމަކީ  1980 އާއި 1990 ގެ އަހަރުތަކުގައި އިންޑިއާގެ ގުޖުރާތުގައި ވެރިކަމުގެ ދަހިވެތިކަމުގައި އުޅުނު ރައީސް ނަމަކަށް ކިޔާ ގޭންގްސްޓަރެއްގެ ހަޔާތުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. ސަތޭކަ މިލިއަން އިންޑިއަން ރުޕީސްއަށް ވުރެ ބޮޑު ބަޖެޓަކުން ހަދާފައިވާ މި ފިލްމް މިމަހުގެ 25 ވަނަ ދުވަހު ސިނަމާތަކަށް އަންނަ އިރު ފިލްމްގެ ޕްރޮޑިއުސަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ ރިތިކް ރޯޝަންގެ ކާބިލް ހަމަ އެދުވަހު ރިލީޒް ކުރުމެވެ. ކާބިލް ރިލީޒްކުރާ ތާރީހު ބަދަލުކޮށްދިނުމަށް ދެ ފަހަރެއްގެ މަތިން އެދިފައިވާ ކަމަށްވެއެވެ.

ސަންޖޭ ގުޕްތާ ޑައިރެކްޓްކޮށް، ރާކޭޝް ރޯޝަންގެ ފިލްމް ކްރާފްޓް ޕްރޮޑަކްޝަންއިން ޕްރޮޑިއުސްކުރާ ފިލްމް ކާބިލަކީ ލޯފަން ދެމީހެއްގެ ލޯބީގެ ހަޔާތުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. ކާބިލްގެ ލީޑް ރޯލުން ރިތިކް ރޯޝަންއާއި ޔަމީ ގޯތަމް ފެނިގެންދާއިރު މި ފިލްމު ލަވަތައްވަނީ ގިނަ ބައެއްގެ މެދުގައި މަޤްބޫލުކަން ހޯދާފައެވެ. މީ 5.2 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކުން އުއްފައްދާފައިވާ ފިލްމެކެވެ.