ތަރައްްޤީ

އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތްތައް އޭޕްރީލްމަހަށް ނިންމަނީ


މާލޭ ސިޓީގެ ތޮށްޖެހުން ކުޑަކޮށް، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ގެންދަވަނީ ތަފާތު މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މީގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ، މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ތަރައްޤީކުރައްވާ އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތެވެ. މިއީ ސިނާޢީ ސަރަޙައްދެއްގެ ގޮތުގައި މާލޭގައި ތަރައްޤީކުރައްވާ ފުރަތަމަ ސަރަޙައްދެވެ. ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 250 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށް ގެންދަވާ މި މަޝްރޫޢަކީ މާލޭގެ މަލަމަތި އަނެއްކާވެސް ބަދަލުކޮށްލާނެފަދަ ބިޔަ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން މާލޭގައި ފުރަތަމަ ފަހަރަށް ތާރުއަޅައިގެން ރަނގަޅު ފެންވަރުގެ މަގެއް ހެދުމަށްފަހު، އެ މަގު މިހާރު ވަނީ އާއްމުން ބޭނުންކުރުމަށް ހުޅުވާލާފައެވެ.

އިންޑަސްޓްރިއަލް ވިލެޖް ތަރައްޤީކުރެއްވުމަށް ބޭނުންވާ ބިން ހިއްކެވުމުގެ މަސައްކަތް ކުރު މުއްދަތެއްގެ ތެރޭގައި ނިންމާ، މިހާރު ކުރަމުންދަނީ އެތަނުގެ ފަސްގަނޑު ޙިމާޔަތްކުރުމަށް ބޭނުންވާ ރިވެޓްމަންޓް ޖެހުމާއި، ބޭރު ތޮށި ރަނގަޅު ފެންވަރަކަށް މަރާމާތުކުރުމުގެ މަސައްކަތެވެ. އަދި އިންޑަސްޓްރިއަލް ވިލެޖްގެ މަގުހެދުމާއި، މަގުބައްތިޖެހުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ދަނީ ކުރަމުންނެވެ. މަގުހެދުމުގެ މަސައްކަތް ފެބްރުއަރީ މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މަގުހެދުމުގެ އިތުރުން، އިންޑަސްޓްރިއަލް ވިލެޖުގައި މިވަގުތު ކުރަމުންދާ އަނެއް މުހިއްމު މަސައްކަތަކީ އުޅަނދުފަހަރު ވަނުމަށް ދެކުނު ފަރާތުގައި ހަދާ ނެރުގެ މަސައްކަތެވެ. މިނެރުގެ މަސައްކަތްވެސް އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. އިންޑަސްޓްރިއަލް ވިލެޖަކީ ސިނާޢީ އެކިކަހަލަ ބޭނުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރައްވާ ސަރަޙައްދެއްކަމުން، އިންޑަސްޓްރިއަލް ވިލެޖް ހެދިގެންދާނީ ތިމާވެއްޓާވެސް ރައްޓެހިގޮތަކަށް ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. 

މި މަޝްރޫޢު އެއްކޮށް ނިމުމުން، އިންޑަސްޓްރިއަލް ވިލެޖުގައި މާލެއިން ކުނި ބޭރުކުރާ ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކުރުމާއި، މާލެތެރޭގައި ހުރި އެކިކަހަލަ ކެމިކަލް ގުދަންތަކާއި، ވޯކްޝޮޕް، ގަރާޖްފަދަ ތަންތަން ހިންގޭނެފަދަ މަލްޓި-ސްޓޯރީ ބިލްޑިންގތަކެއް ތަރައްޤީކުރެވިގެންދާނެއެވެ. މީގެ އިތުރުން، މާލޭގައި ބޭނުންކުރަމުންދާ ހެވީ ވެހިކަލްތައް ޕާކްކުރެވޭނެ ސަރަޙައްދެއް ޤާއިމުކުރުމާއި، ރެޑީމިކްސް ކޮންކްރީޓް ހަދާ ސަރަޙައްދެއް ޤާއިމުކުރެވިގެންދާނެއެވެ.