ކުޅިވަރު

"ކުޅިވަރު މެނިފެސްޓޯގެ %75 މިއަހަރު ހާޞިލްވާނެ "


ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯގެ %75 މިއަހަރުގެ މެދާ ހިސާބަށްދާއިރު ހާޞިލްވާނެކަމަށް ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. 

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯރޓްސް ވިދާޅުވީ ޒުވާނުންގެ ތަރައްޤީއާއި ކުރިއެރުމަށް ސަރުކާރުން އެކަށައަޅައި ތަންފީޒުކުރައްވަމުންގެންދަވާ މެނިފެސްޓޯގެ ގިނަ ކަންކަން މިހާރުވެސް ހާޞިލްކުރެވިފައިވާކަމަށާއި، މިއަހަރުގެ މެދާ ހިސާބަށްދާއިރު 75 އިންސައްތަ ހާޞިލްވާނެކަމަށެވެ. މެނިފެސްޓޯ ތަންފީޒުކޮށް ނަތީޖާ ނެރުމަށް ކުރައްވަމުންގެންދަވާ ކަންތައްތަކުގެ ތެރެއިން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކުރައްވައިގެން ހަދަމުންގެންދާ 67 ފުޓްސެލް ދަނޑުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިމޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރަށްރަށުގެ ޒުވާނުންގެ މަރުކަޒުތަކުގެ އިކްއިޕްމަންޓްސްތައް އާކުރުމާއި، އިތުރު މަރުކަޒުތައް އެޅުމުގެ މަސައްކަތް މިއަހަރަށްވެސް ވަނީ ކަނޑައަޅުއްވާފައެވެ. 

48 ފުޓްސެލް ދަނޑެއް ނިމި ބޭނުންކުރަމުންދާއިރު، 22 ދަނޑެއް މިހާރުވެސް ނިމުމަކާ ކައިރިވެ، ހުޅުވަން ތައްޔާރުވެފައެވެ.

" ސްޕޯރޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން އެއްވެސް ޕްރޮޖެކްޓެއް ނުފަށާ، ކޮމްޕޯނަންޓެއް ނުނިމޭ އެއްވެސް ޞަރަހައްދެއް މިހާރު ނޯންނާނެ " މިނިސްޓަރ ވިދާޅުވިއެވެ.

ސްޕޯރޓްސް އެރީނާ ޕްރޮޖެކްޓްގައި ފުޓްސެލް ދަނޑާއި، ބަށި ކޯޓާއި، ވޮލީބޯޅަ ކޯޓާއި އެހެން ކުޅިވަރު ވަޞީލަތްތަކާއި، ޒުވާނުންގެ މަރުކަޒުތައް ޤާއިމްކުރުން ހިމެނެއެވެ. 

ޤަަޠަރު ސަރުކާރުން ރާއްޖޭގައި އަޅައިދިނުމަށް ހަމަޖެހިފައިވ ބައިނަލްއަޤްވާމީ ސްޓޭޑިއަމްގެ ޑިޒައިންވެސް ވަރަށް އަވަހަށް ނިންމާ ސަރުކާރާ ހަވާލުކުރާނެކަމަށް ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސްޓޭޑިއަމް ޑިޒައިން ކުރަނީ ޤަޠަރުގެ ސްޓޭޑިއަމްއާ އެއްކަހަލަ ގޮތަކަށް ކަމަށާއި، އެމަސައްކަތް ވަރަށް އަވަހަށް ނިމޭނެކަމަށެވެ. ބައިނަލްޤްވާމީ ސްޓޭޑިއަމް އަޅާނީ ހުޅުމާލޭގައެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ޔޫތް ސިޓީގައި ވަރަށް އަވަހަށް ނެޝަނަލް ކްރިކެޓް ސްޓޭޑިއަމްއެއްވެސް ޤާއިމްވެގެންދާނެކަމަށެވެ. ހުޅުމާލޭގައި މިހާރު މަސައްކަތް ނިމެމުންދާ ސިންތެޓިކް ޓްރެކްވެސް އުއްމީދުކުރިވަރަށްވުރެ އަވަހަށް ނިމި ބޭނުންކުރަން ފެށޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

ވޭތުވެދިޔަ އަހަރު ޒުވާނުންގެ ޕްރޮގްރާމްތަކަށް 8.8 މިލިޔަން ރުފިޔާ ޚަރަދުކުރައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެތެރޭގައި ޒުވާނުންގެ ތަމްރީން ޕްރޮގްރާމްތަކަށް ހޭދަކުރެއްވި 1.2 މިލިއަން ރުފިޔާއާއި، ޔޫތް އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ޚަރަދުކުރެއްވި 2 މިލިއަން ރުފިޔާ ހިމެނެއެވެ.