ތަޢުލީމު

ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ޖަރުމަނުވިލާތުގެ އެހީ ހޯދަނީ


ދިވެހި ރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަމީލާ ޢަލީ ޚާލިދާ، އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޝިހާމް ބައްދަލުކުރައްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ރާއްޖެއާއި ޖަރުމަނުވިލާތް ގުޅިގެން ކުރެވިދާނެ ކަންކަންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މިބައްދަލުވުމުގައި ރާއްޖޭގެ ތައުލީމީ ދާއިރާ އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް އިތުރަށް ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ޖަރުމަނު ސަރުކާރާ ގުޅިގެން ކުރެވިދާނެކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން، ހުނަރުވެރި ޒުވާނުން ބިނާކުރުމަށް އަމާޒުކުރައްވައިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރިއަށް ގެންދަވާ ޓިވެޓް ޕްރޮގްރާމްތަކަށް އެހީތެރިކަން ލިބުމަކީ ޓިވެޓްގެ ޕްރޮގްރާމްތަކުން ތަމުރީނުވާ ދަރިވަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މަތީ ތަޢުލީމުގެ ސްކޯލަރޝިޕްތައް ހޯދުމުގެ މުހިންމުކަމުގެ މައްޗަށްވެސް މިނިސްޓަރ އަލިއަޅުއްވާލައްވާފައިވެއެވެ.

މީގެ އިތުރުން ސްކޫލްތަކުގައި ކިޔަވައިދޭ ބަސްތަކުގެ އިތުރުން ޖަރުމަނު ބަހަކީވެސް އިޚްތިޔާރީ ބަހެއްގެ ގޮތުގައި ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ބަހަކަށް ހެދިދާނެކަމަށާއި، އެކަން އެހެން ކުރެވިއްޖެނަމަ ފަތުރުވެރިކަމުގެ ދާއިރާ އާއި ހޮސްޕިޓަލިޓީ ދާއިރާ އިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި މި ބަސް ސްކޫލްތަކަށް ތަޢާރަފްކުރުމަށްޓަކައި ޖަރުމަނުގެ ޤާބިލް ޓީޗަރުން ރާއްޖެ ގެނެސްގެން މަސައްކަތް ކުރެވިދާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރު ވިދާޅުވީ ރާއްޖޭގެ ސަރުކާރާއި ޖަރުމަނު ސަރުކާރާ ދެމެދު އޮންނަ ގުޅުމަށް 50 އަހަރުވެފައިވާއިރު އެކި ދާއިރާތަކުން ޖަރުމަނުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާކަމަށެވެ. އަދި ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކަކީ ކޮބައިތޯ ބަލައި، އެކަމުގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ސަފީރު މިނިސްޓަރ އަށް ދެއްވާފައިވެއެވެ. އަދި ސްޓޫޑަންޓް އެކްސްޗޭން ޕްރޮގްރާމްތައް ފަދަ ޕްރޮގްރާމެއް ޖަރުމަނާއި ރާއްޖޭގެ ދަރިވަރުންނާއި، މުދައްރިއްސުންނާއި، ސުކޫލްތަކާއި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތައް ހިމެނޭގޮތަށް ކުރިޔަށްގެންދަވަން މަސައްކަތް ކޮށްދެއްވާނެކަމަށްވެސް ސަފީރު ވިދާޅުވިއެވެ.