ޚަބަރު

"އަހާނީ ރައްޔިތުންގެ އަޑު، ކޮށްދޭނީ ރައްޔިތުންގެ މަސައްކަތް"


ކުރިއަށް އޮތް ކޯލްކަލް ކައުސިލް އިންތިޚާބު ކާމިޔާބުކުރުމަށްޓަކާ "ނުފުރޮޅާ އެންމެ ގާކޮޅެއްވެސް" ނުބާއްވާނެކަމަށާ ޕީޕީއެމްއިން އަހާނީ ރައްޔިތުންގެ އަޑުކަމަށް އެޕާޓީން ބުނެފިއެވެ. 

މިއަދު މެންދުރު އެޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން، ލޯކަލް ކައުންސިލް އިންތިޚާބަށް އެޕާޓީން ކަނޑައަޅާފައިވާ ކެމްޕެއިން މެނޭޖަރު މުޙައްމަދު ނިމާލް ވިދާޅުވީ މިމުޅި ކެމްޕެއިން ބައްޓަން ކޮށްފައިވާނީ މައިގަނޑު 3 ކަމެއްގެ މައްޗަށްކަމަށެވެ. 

"މުޅި ކެމްޕެއިންގެ ތެރެއިން އަޅުގަނޑުމެން އަހާނީ ރައްޔިތުންގެ އަޑު. ކޮށްދޭނީ ރައްޔިތުންނަށް މަސައްކަތް. ގެންނާނީ ރައްޔިތުންނަށް ތަރައްޤީ. މި ތިން ކަންތަކަށް އަޅުގަނޑުމެން ބަލާނީ ކެމްޕެއިންގެ ތެރެއިން،" ނިމާލް ވިދާޅުވި.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެޕާޓީގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ޚަލީލު ވިދާޅުވީ ކައުންސިލް އިންތިޚާބަކީ ފޯރިގަދަ އިންތިޚާބަކަށް ވެގެންދާނެ ކަމަށެވެ. ކައުންސިލް އިންތިޚާބަކީ ކުޑަ އިންތިޚާބެއްގެ ގޮތުގައި ޕީޕީއެމުން ނުދެކޭ ކަމަށާ އިންތިޚާބަށް ފުރިހަމައަށް ތައްޔާރުވަމުން ދާކަމަށް ޚަލީލް ވިދާޅުވިއެވެ.

"ޕީޕީއެމްއަކީ އަބަދުވެސް ރައްޔިތުންނާ ގާތުން ޚިދުމަތް ދޭން ބޭނުންވާ ޕާޓީއެއް. ޕީޕީއެމް އަބަދުވެސް ބޭނުންވަނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރަން،" ޚަލީލްގެ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ޕީޕީއެމްއިން ކަނޑައަޅާފައިވާ ކެމްޕެއިން ޓީމުގެ ޑެޕިއުޓީ މެނޭޖަރ މުޙައްމަދު ރާބިޢު ވިދާޅުވީ ޕީޕީއެމްގެ މުޝްތަޝާރު އަދި ރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ އަކީ ޒުވާނުންނަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ބޭފުޅެއް ކަމަށާއި އެހެންކަމުން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ޙަރަކާތްތައް ކުރިއަށް ގެންދާއިރު ޒުވާނުން ބައިވެރިކޮށްގެން ކަންކަން ރާވައި އިންތިޒާމް ކުރުމަށް އެޕާޓީން ސަމާލުކަން ދޭނެކަމަށެވެ. 

ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޕީޕީއެމްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެޕާޓީގެ ފަރާތުން މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މެމްބަރުންގެ މެދުގައި ނަގާ ޕްރައިމަރީ މި މަހުގެ 27ވަނަ ދުވަހު ބާއްވަންވަނީ ކަނޑައަޅާފައެވެ.