ދުނިޔެ

އެމެރިކާގެ އެޓަރނީ ޖެނެރަލް މަޤާމުން ވަކިކޮށްފި


އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އެމެރިކާގެ ވަގުތީ އެޓަރނީ ޖެނެރަލްގެ މަޤާމުގައި ހުންނެވި ސެލީ ޔޭޓްސް އެމަޤާމުން ވަކިކުރައްވައިފިއެވެ. 

އެޓަރނީ ޖެނެރަލްގެ މަޤާމުން ޔޭޓްސް ވަކިކުރެއްވުމަށް ޓްރަމްޕް ނިންމެވީ ރެފިއުޖީން އެމެރިކާއަށް ވަނުން މަނާކޮށް ޓްރަމްޕް ނެރުއްވި އަމުރު ތަންފީޒު ނުކުރެއްވުމަށް އެޤައުމުގެ ޖަސްޓިސް ޑިޕާޓްމެންޓަށް ޔޭޓްސް އެންގެވުމާ ގުޅިގެނެވެ. 

ވައިޓް ހައުސްއިން ބުނެފައިވަނީ އެމެރިކާގެ ރައްޔިތުންގެ ހިމާޔަތުގައި ޓްރަމްޕް ނެރުއްވި އަމުރު ތަންފީޒުކުރެއްވުމަށް ދެކޮޅު ހެއްދެވުމާ ގުޅިގެން އެޓަރނީ ޖެނެރަލް ސެލީ ޔޭޓްސް މަޤާމުން ވަކިކުރައްވާފައިވާކަމަށެވެ. އަދި އެމެރިކާގެ ވަގުތީ އެޓަރނީ ޖެނެރަލްގެ މަޤާމަށް ވާޖިނިއާ ޑިސްޓްރިކްޓުގެ އެޓަރނީ ޖެނެރަލް ޑާނާ ބޮއެންޓް ވަނީ އައްޔަންކުރައްވާފައެވެ. 

މަޤާމުން ވަކިކުރެއްވި ސެލީ ޔޭޓްސްއަކީ އޮބާމާގެ ވެރިކަމުގައި އެޓަރނީ ޖެނެރަލްގެ މަޤާމަށް އައްޔަންކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެމަޤާމުގައި ހުންނެވީ އެޓަރނީ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެއްވުމަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ބޭފުޅާއަށް އެމެރިކާގެ ސެނެޓުން ރުހުން ލިބެންދެނެވެ.