ސިޔާސީ

ރިޔާސީ ބަޔާން އިއްވަވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ހޯމަދުވަހު


މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާ އަންނަ ހޯމަ ދުވަހު ދަރުބާރުގޭގައި ބޭއްވެވުމަށް ހަމަޖައްސަވައިފިއެވެ.

ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވަވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަން ޖެހެއެވެ. ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ވަނީ ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި، ޤައުމުގެ ހާލަތު ބަޔާންކޮށްދީ، ޤައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަން ޖެހޭނެކަމަށެވެ. ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ އެ އަހަރަކަށް ރައްޔިތުންގެ މަޖިލިސްވެސް ހުޅުވޭ ދުވަހެވެ. ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރު ފުރިހަމަ ކުރައްވައި މުޅި މަޖިލިސް އެއްކޮށް މިދިޔަ އަހަރު ޗުއްޓީއަށް ދިޔައީ ނޮވެމްބަރ މަހުގެ 24ވަނަ ދުވަހުއެވެ. ތިން ވަނަ ދައުރު ނިންމުމަށްފަހު މަޖިލިސް ކުރީގެ ގަވާއިދުގެ ދަށުން ޗުއްޓީއަށް ދަނީ ޑިސެމްބަރު މަސް ނިމުމުންނެވެ. ނަމަވެސް މަޖިލީހުގެ ޤަވާއިދު އިސްލާހު ކުރެއްވުމަށްފަހު، އަހަރު ނިމުމުގެ އެއް މަސް ކުރިން ޗުއްޓީއަށް ދިއުމަށް ވަނީ ނިންމަވާފައެވެ.

ރައްޔިތުން މަޖިލީހުގެ ޤަވާޢިދުގެ 16 ވަނަ މާއްދާގައި މީގެ ކުރިން ބުނެފައި ވަނީ ރައްޔިތުން މަޖިލީހުގައި އޮންނާނީ ތިން ދައުރުކަމަށެވެ. ފުރަތަމަ ދައުރު ހިނގާނީ މާޗު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކަމަށާ، ދެވަނަ ދައުރު ޖޫން މަހުން ފެށިގެން އޯގަސްޓު މަހުގެ ނިޔަލަށް ކުރިއަށްދާއިރު ތިން ވަނަ ދައުރު ހިނގާނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށް މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވެއެވެ.

ނަމަވެސް އިސްލާހު ކޮށްފައިވާ ގަވާއިދުގެ 16 ވަނަ މާއްދާގައި ބުނެފައި ވަނީ މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކަމަށެވެ. އަދި ދެވަނަ ދައުރު ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓު މަހުގެ ނިޔަލަށް ކުރިއަށްދާއިރު ތިންވަނަ ދައުރު އަދި އެންމެ ފަހު ދައުރު ހިނގާނީ އޮކްޓޯބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.