ޚަބަރު

ފްލެޓްތައް ދޭތެރޭ ހުރި ބިންތައް ތަރައްޤީކުރަން ފަށަނީ


ހުޅުމާލޭއަކީ ހަލުވިމިނެއްގައި އާބާދުވަމުން ރަށެކެވެ. އާބާދީ އިތުރުވަމުންދާއިރު ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ހިތްހަމަޖެހުމަށްޓަކައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ގެންދަނީ ހުރި ހުސް ބިންތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. 

ހުޅުމާލޭގައި މީހުން ދިރިއުޅޭ ފްލެޓްތައް ނުވަތަ އެއް ބުލޮކް އަނެއް ބްލޮކާ ދޭތެރޭގައި އޮންނަ ހުސް ޖާގަތަކުގައި ޕާކުތައް ހެދުމާއި ކުޑަކުދިންނަށް ކަމުދާނެ ފަދަ ގޮތަކަށް އެތަންތަން ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވިއެވެ.

"އަޅުގަނޑުގެ އުންމީދަކީ އަލަށް އާބާދުވި ނެއިބަރ ހުޑް 3 ގައި އެންމެ ފަހުން އާބާދުވަމުން އަންނަ ސަރަޙައްދުގައި އެހެރަ ހުސް ޖާގަތައް ޕާކުތަކާއި ޕާކިންގގެ ގޮތުގައި ބޭނުންކުރާ ތަންތަން ތަރައްޤީކުރުން، އެގޮތުން އަޅުގަނޑަށް ހީވަނީ ކުރިޔަށް މިއޮތް މި ފެބްރުއަރީތެރޭގައި އަޅުގަނޑުމެންނަށް އެތަނުގެ ތެރޭގައި ހިމެނޭ ތިން ސަރަހަޢްދެއް މި ބަލަނީ ޕާކްސް އަދި ސްޕޯޓްސް ފެސިލިޓީސްއާއެކު ހުޅުވިގެން އަންނާނެކަމަށް" ސައިމަން ވިދާޅުވިއެވެ.

ސައިމަން ވިދާޅުވީ ކޮމިއުނިޓީ ލެވެލްގައި ކުޅިވަރުކުޅޭ ފަރާތްތަކަށް ފުޓްބޯޅައާއި ބެޑްމިންޓަނާއި ބާސްކެޓްފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް އެތަންތަނުގައި ހަމަޖެހިގެންދިއުމަކީ މުހިންމުކަމެއްކަމަށެވެ. އަދި ޕްރޮފެޝަނަލް ސްޕޯޓްސްމަނުންނަށްވުރެ ކޮމިއުނިޓީ ލެވެލްގައި ކުޅެން އޮންނަ ޖާގަތައް ބޭނުންކުރެވޭގޮތަށް އެތަންތަން ތަރައްޤީކޮށް، މިމަހުގެ ތެރޭގައި ގިނަތަންތަން ހުޅުވާލެވޭވަރުވާނެކަމަށް އެޗް.ޑީސީން ބުނެއެވެ. އަދި ހުޅުމާލެ ޔޫތް ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރާއިރު، އެ ސިޓީގައި ދިރިއުޅޭ ޒުވާނުންނަށާއި، ޢާންމު ފަރާތްތަކަށް އެކަށީގެންވާގޮތަށް ކުޅިވަރުގެ ވަޞީލަތްތައް ޤާއިމުކުރުމަކީ މުހިންމުކަމެއްކަމަށް ސައިމަން ވިދާޅުވިއެވެ.