ޚަބަރު

އައްޑޫ އެވޯޑް 130 ފަރާތަކަށް ދެއްވައިފި


އައްޑޫ ސިޓީ ކައުންސިލުން ދެއްވާ އައްޑޫ އެވޯޑް 2016, 130 ފަރާތަކަށް ދެއްވައިފިއެވެ.

މިއީ މިއެވޯޑު އައްޑޫ ސިޓީ ކައުންސިލުން ދެއްވި ފުރަތަމަ ފަހަރެވެ. އެކި ދާއިރާތަކުން އައްޑޫ ސިޓީއަށް ޚިދުމަތްކޮށްދީ ރީތިނަން ހޯދައިދޭ ފަރާތްތަކަށް އައްޑޫ ސިޓީ ކައުންސިލުން ދެއްވާ އެވޯޑު، "އައްޑޫ އެވޯޑު" އަކީ ކޮންމެ ތިންއަހަރަކުން އެއްހަރު ދެއްވާގޮތަށް އައްޑޫސިޓީ ކައުންސިލުން ނިންމާފައިވާ އެވޯޑެކެވެ. 

މި އެވޯޑު މިއަހަރު 5 ދާއިރާއަކުން ދެއްވިއެވެ. އެދާއިރާތަކަކީ، މަތީ ދަރަޖައިގެ އެވޯޑާއި ހިތްވަރުދިނުމުގެ އިނާމާއި ޚިދުމަތުގެ އިނާމާއި މަތީދަރަޖައިގެ އެވޯޑު އަދި މަތީދަރަޖައިގެ ޝަރަފުގެ އިނާމެވެ. 

img:http://s1.psmnews.mv/images/660x400/14862179878498.jpg|އައްޑޫ އެވޯޑް ދެއްވުމަށް ބޭއްވި ހަފްލާގައި އޭސީސީގެ ރައީސް ހަސަން ލުތުފީ ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

މަތީދަރަޖައިގެ ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގަތީ ޕްރޮފެސަރ ޙަސަން އުގައިލަށެވެ. އަދި ޝަރަފުވެރިކަމުގެ އިނާމް 8 ބޭފުޅަކަށް ދެއްވާފައިވެއެވެ. މިޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވީ، އައްޑޫ ސިޓީއަކީ ޢިލްމީ އަދި އެކިފަންނުގެ މީހުން އުފައްދާފައިވާ ތަނެއްކަމަށެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ފަނޑިޔާރުންނައި ޕްރޮފެސަރުން ގިނަ ޢަދަދަކަށް އައްޑޫ ސިޓީގައި ތިއްބެވިކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޢިލްމީ ބޭފުޅުން އައްޑޫގައި އުފެދުނީ، އެބޭފުޅުންގެ މައިންބަފައިން ދެއްވި ތަރުބިއްޔަތުންކަމަށް ލުތުފީ ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު ޢަބްދުﷲ ޞާދިޤް ވަނީ، އެވޯޑު ޙާސިލްކުރެއްވި ބޭފުޅުން ނަމޫނާއެއްގެ ގޮތުގައި މުޖުތަމަޢުއިން ބަލައިގަނެ، އެބޭފުޅުންގެ ކިބައިން ހިތްވަރު ލިބިގަތުމަށް އައްޑޫ ރައްޔިތުންނަށް ގޮވާލައްވާފައެވެ.