ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވުމުގެ ގޮތުން ބޭއްވެވި މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވި ރިޔާސީ ބަޔާނަކީ ރައްޔިތުންގެ މޫނުމައްޗަށް އިތުރު ހިނިތުންވުމެއް ގެނެސްދިން ބަޔާނެއް ކަމަށާއި ރައީސް ޔާމީން ދެއްވި ރިޔާސީ ބަޔާނުގެ ސަބަބުން ރައްޔިތުންނަށް އިތުރު އުފާ ފާގަތިކަމެއް ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިހެން ވިދާޅުވީ ރައީސް ޔާމީން ދެއްވި ރިޔާސީ ބަޔާނަށްފަހު ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.
ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގައި ކޮންމެ އަހަރެއްގެވެސް ރައްޔިތުންގެ މަޖިލިސް އެ އަހަރަކަށް ހުޅުއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ، ޤައުމުގެ ޙާލަތު ބަޔާން ކޮށްދެއްވައި އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރެއްވުމަށް ކުރައްވަން ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް ރިޔާސީ ބަޔާނެއް ދެއްވަންޖެހެއެވެ. އެގޮތުން ރައީސް ޔާމީން ވަނީ ޤާނޫނު އަސާސީން އެމަނިކުފާނުގެ މައްޗަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާ އަދާކުރައްވާފައެވެ. އަދި ޤައުމުގެ އިޤްތިޞާދު އިތުރަށް ހަރުދަނާކުރެއްވުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތަކާއި ސަރުކާރުން ހިންގަވާ ތަރައްޤީގެ އެކި މަޝްރޫޢުތަކާއި ކުރިއަށް ކުރައްވަން ރާއްވަވާފައިވާ ކަންކަން ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ރިޔާސީ ބަޔާން އިއްވެވި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ނިންމާލައްވަމުން ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙް މުޙައްމަދު ވިދާޅުވީ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާ ކަންކަން ޙާޞިލްކުރެއްވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލެއްވުން ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ސަރުކާރަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
" ދައުލަތުގެ އެކި މުއައްސަސާތަކާ ބެހޭގޮތުން މަޖިލީހުން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރައްވަމުން ގެންދަވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން" ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙް މުޙައްމަދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަޙްމަދު ނިހާނު ޙުސައިން މަނިކު ވިދާޅުވީ ރިޔާސީ ބަޔާނުން ރައްޔިތުން އެންމެ އަޑު އަހާލަން ބޭނުންވާނެ ވާހަކައަކަށް ވެގެންދާނީ ރައީސް ޔާމީންގެ މެނިފެސްޓޯއިން ޙާޞިލްކުރެވުނު މިންވަރު ކަމަށެވެ. އަދި އެކަން މިއަދު ރައްޔިތުންނަށް އަޑު އިވިގެން ހިނގައްޖެ ކަމަށާއި ރައްޔިތުން މިއަދު ތިބީ އުފަލުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"ހަމަ އުފަލާއިއެކު އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ރައީސް ޔާމީން އެ ގެންގުޅުއްވާ ލަނޑުދަނޑިއާ ހަމައަށް ވާޞިލްވުމަށްދާކަން" ނިހާން ވިދާޅުވިއެވެ.
ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕް، ޕީޖީގެ ނާއިބު ލީޑަރ އަދި ވިލިފުށީ ދާއިރާގެ މެމްބަރ ރިޔާޒު ރަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ކޮންމެ ވާހަކަފުޅަކީވެސް ދިވެހި ރައްޔިތުންނަށް އެތަކެއް އުއްމީދުތަކެއް ލިބިގެންދާ ވާހަކަފުޅުތަކެއް ކަމަށެވެ. އަދި އެ އުއްމީދުތައް ލަސްތަކެއްނުވެ، ޙަޤީޤަތަކަށް ރައީސް ހައްދަވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރިޔާޒު ރަޝީދު ވިދާޅުވީ ރިޔާސީ ބަޔާނުން އެންމެ ބޮޑަށް ފާހަގަކުރެއްވުނު ކަމަކީ ދައުލަތުގެ ބަޖެޓް އަރަނިކުރެއްވުމަށްޓަކައި ރައީސް ޔާމީން ގެންގުޅުއްވާ ސިޔާސަތުކަމަށެވެ.
" އިރާދަކުރެއްވިއްޔާ އަންނަ އަހަރު، 2018ވަނަ އަހަރު ޑެފިސިޓް ބަޖެޓެއް ސަރުކާރުން ހުށަހަޅުއްވާނެ ކަމުގެ ފެހި ސިގްނަލެއް ރައީސް ޔާމީން މިއަދު އެ ދެއްވީ. އަހަރު ނިމިގެންދާއިރު ދައުލަތުގެ ދަރަނި ވަރަށް ބޮޑުތަން ކުޑަވެގެންދާނެ. ދައުލަތުގެ ދަރަނި ބޮޑުވުމަކީ ރައްޔިތުންގެ ކަންބޮޑުވުމެއް،" ރިޔާޒު ވިދާޅުވިއެވެ.
ރައީސް ޔާމީން ދެއްވި ރިޔާސީ ބަޔާނުގައި މި ސަރުކާރުގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުންވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެ ވާހަކަފުޅުތަކަށް ބާރުދެއްވައި ކެލާ ދާއިރާގެ މެމްބަރ ޢަލީ ޢާރިފް ވިދާޅުވީ ރާއްޖެއަށް ހެޔޮއެދޭ ކަމަށް ބުނެ، ބައެއް މީހުން ރާއްޖޭގެ އަމަން ނަގާލައި، މަސްލަޙަތު ނަގާލަން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ސިޔާސީ ގޮތުންވެސް ވަކި ބަޔަކަށް މަންފާ ހޯދައިދނުމަށް މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މުސްތަޤިއްލު ކަމަށް އިޙްތިރާމްކުރާ އެހެން ބޭފުޅުންނާއެކު އަޅުގަނޑުމެން މަސައްކަތް ކުރަން ތިއްބެވި ކަމަށް ރައީސް ވިދާޅުވި ވާހަކަފުޅަކީ ވަރަށް ރަނގަޅު އަދި ތާއީދުކުރާ ވާހަކަފުޅެއް. އެ ނޫން ގޮތަކަށް ވިސްނުން ބަދަލު ނުކުރުމަށް ދިވެހި ރައްޔިތުންނަށް އަޅުގަނޑު ގޮވާލަން،" މެމްބަރ ޢަލީ ޢާރިފް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރައީސް ޔާމީން ދެއްވި ރިޔާސީ ބަޔާނަކީ އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން ދެއްވި ހަތަރުވަނަ ރިޔާސީ ބަޔާނެވެ.