ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރ ޢިމާރާތުގެ ކޮންކްރީޓް މަސައްކަތް އަންނަ ސެޕްޓެމްބަރުމަހުގެ ތެރޭގައި ނިންމާލެވޭނޭކަމަށް ހެލްތު މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ސަތޭކަހާސް މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ޢިމާރާތްކުރައްވާ ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ މަސައްކަތް ކުރިޔަށް ގެންދަވަނީ ސިންގަޕޫރުގެ ޗަންހުއާ ކުންފުންޏާ ޙަވާލުކުރައްވައިގެންނެވެ. 2.2 ބިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން ސަރުކާރުން ޢިމާރާތްކުރައްވާ މިސެންޓަރުގެ މަސައްކަތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، އެ ޢިމާރާތުގެ ކޮންކްރީޓްގެ މަސައްކަތް އަންނަ ސެޕްޓެމްބަރުމަހު ހިސާބުގައި ނިންމާލެވޭނެ ކަމަށެވެ.
"މިހާރު 6 ބުރީގެ ޝީޓް އަޅާ ނިމިފައި މިހިރީ. ސެޕްޓެމްބަރުމަހުގެ ތެރޭގައި މުޅި ކޮންކްރީޓް މަސައްކަތް ނިމި، އަދި މިއަންނަ މަހުގެ ތެރޭގައި ހަމަ ގްރައުންޑް ފްލޯއިން ފެށިގެން އިންޓީރިއަރ މަސައްކަތް ފަށައިގަނެވޭނެކަމަށް އެބޭފުޅުން (ކޮންޓްރެކްޓަރ) އެވިދާޅުވަނީ. އޭގެ މާނައަކީ މީގެ ހުރިހައި މަސައްކަތެއް އެއްފަހަރާ ކުރިޔަށްދާނެއޭ. ކޮންކްރީޓް މަތީގައި އެޅެމުންދާއިރު ތިރީ ގްރައުންޑް ފްލޯރގައި ދެން ހުރި ފްލޯރތަކުގައި އިންޓީރިއަރ މަސައްކަތް ކުރެވިގެންދާނެ." ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.
img:http://s3.psmnews.mv/images/660x400/14864768739655.jpg|ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ މަސައްކަތް ކުރިއަށްދާ ގޮތް ހެލްތް މިނިސްޓަރ ބައްލަވާލައްވަނީ
މިނިސްޓަރ ވިދާޅުވީ، ޢިމާރާތުގެ މަސައްކަތުގެ ކޮލިޓީ އާއި ސްޕީޑާއި އެތަނުގެ ޑިޒައިން އެކުވެގެންދާއިރު، ޢިމާރާތް ބިނާކުރެއްވުމަށް ސަރުކާރުން ކުރައްވާ ޚަރަދަކީ، ރަނގަޅު އަގެއްގެ ގޮތުގައި، ދެކެވަޑައިގަންނަވާކަމަށެވެ. އަދި މި ޢިމާރާތަށް ބޭނުންވާ ސަމާނުތައް އޮންނަ އުޞޫލުގެ ތެރެއިން ހޯދޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދޭނޭކަމަށްވެސް ނާޡިމް ވިދާޅުވިއެވެ.
ޢިމާރާތުގެ މަސައްކަތުގައި ދުއިސައްތައަށްވުރެ ގިނަ މުވައްޒަފުން މިހާރު ޙަރަކާތްތެރިވަމުންދެއެވެ. އަދި އިންޓީރިއަރ މަސައްކަތް ކުރުމަށް އަންނަ ފަންނީ ބޭފުޅުންނާއެކު، މުވައްޒަފުންގެ ޢަދަދު އަނެއްކާވެސް އިތުރުވެގެންދާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.