އެޑިއުކޭޝަން މިނިސްޓްރީން ފަށްޓަވާފައިވާ ދަސްވާރު ޕްރޮގްރާމުގައި މާލޭގެ ސްކޫލްތަކުން ބައިވެރިވި 192 ދަރިވަރަކު ދަސްވެނިވިއްޖެއެވެ.
މި ޕްރޮގްރާމްގެ ތެރެއިން މިދިޔަ އަހަރު ހިންގެވި އެކި ކޯސްތަކުން 1،046 ކުއްޖަކު މިހާތަނަށް ދަސްވެނިވިފައިވެއެވެ. 2014 ވަނަ އަހަރު ފެއްޓެވި ދަސްވާރު ޕްރޮގްރާމަކީ ގްރޭޑް ދިހައެއްގައި ތަޢުލީމް ޙާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން މަސައްކަތާއި ހުނަރު ދަސްކުރަން ބޭނުންވާ ދަރިވަރުންނަށް އަމާޒުކުރައްވައިގެން އެޑިއުކޭޝަން މިނިސްޓްރީން ހިންގަވާ ޕްރޮގްރާމެކެވެ. img:http://s3.psmnews.mv/images/660x400/14866660646814.JPG|ދަސްވާރު ދަސްވެނިވުން 2016 ގެ ތެރެއިން - ފޮޓޯ: ޢަލީ ނަޞީރު / ޕީއެސްއެމް
ސަރުކާރުގެ އެއްވެސް ކުއްޖަކު ބާކީނުކޮށް ތަޢުލީމް ދިނުމުގެ ސިޔާސަތުގެ ދަށުން ދަރިވަރުންނަށް އިތުރު ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދެއްވުމަށް ހިންގަވާ ދަސްވާރު ޕްރޮގްރާމްގައި ދަރިވަރުން ޚިޔާރުކުރާ ދާއިރާއަކުން ތަމްރީނުވުމުގެ ފުރުޞަތު ލިބެއެވެ. މަސައްކަތުގެ ހުނަރާއި ޢިލްމު އަދި އަޚްލާގު ދަސްކޮށްދެއެވެ. މިދިޔަ އަހަރު ދަސްވާރު ޕްރޮގްރާމްގައި 165 ސްކޫލަކަށް ނިސްބަތްވާ 1490 ދަރިވަރަކު ބައިވެރިވެފައިވެއެވެ. މީގެތެރެއިން 1،046 ދަރިވަރުން ދަސްވެނިވެފައިވެއެވެ. މީގެ ތެރޭގައި އަތޮޅުތަކުގެ 154 ސްކޫލަކުން 826 ދަރިވަރުން ލެވެލް 3 ގެ ސަނަދު ޙާސިލްކޮށް ދަސްވެނިވެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ، އާރޓް އެންޑް ޑިޒައިން، އިލެކްޓްރީޝަން، ޓެއިލަރިން އެންޑް ފެޝަން ޑިޒައިނިންގ، ފޮރޮންޓް އޮފީސް، އައިޓީ ޓެކްނީޝަން، ޕޭސްޓްރީ އެންޑް ބޭކަރީ، ފޮޓޯ ގްރަފީ އަދި ވޯޓަރ ސްޕޯޓްސް ދާއިރާއިން ތަމްރީނުވި ދަރިވަރުންނެވެ.
ދަސްވެނިންނަށް ސެޓްފިކެޓް ދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމާއި، ބަންޑާރަ ނައިބް އަލްއުސްތާޒު މުޙައްމަދު އަނިލްއާއި، އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ދަސްވާރު ޕްރޮގްރާމްގެ ތެރެއިން ތައުލީމީ ޒިންމާދާރު ޒުވާނުންތަކެއް ބިނާކުރެވިއްޖެކަމުގެ ކާމީޔަބީ ޙާސިލްވެފައިވާ ކަމަށެވެ. އަދި ދަސްވާރު ޕްރޮގްރާމް ސްކޫލްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ދަރިވަރުން ޝައުޤުވެރިވާ ދާއިރާތަކަށް އިސްކަންދެއްވައިގެން ކަމަށެވެ. img:http://s2.psmnews.mv/images/660x400/14866659204500.JPG|ދަސްވާރު ދަސްވެނިވުން 2016 ގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޢަލީ ނަޞީރު / ޕީއެސްއެމް
"އަޅުގަނޑަށް މިރޭ ލިބޭ އެންމެ ޚާއްސަ އުފަލަކީ ދަސްވާރު ޕްރޮގްރާމްގެ ތެރެއިން 2016 ވަނަ އަހަރުގައި މުޅިރާއްޖެއިން 1046 ދަރިވަރުންނަށް އޯލެވެލް ސަނަދާއި އެއްފެންވަރުގެ ސަނަދެއް ޙާސިލްވެ، މަތީ ތައުލީމާއި ވަޒީފާގެ ބާޒާރަށް ނިކުމެ އެންމެ މަތީހަރުފަތަށް ވާސިލްވުމުގެ ޤާބިލިއްޔަތު ހުރި ޒިންމާދާރު ޒުވާނުންތަކެއް ބިނާކުރެވިފައިވާ ކަމުގެ އުފާ. ވާދަވެރި މުޖުތަމައަށް ނިކުތުމަށް ތައްޔާރުވެފައިވާ ޤައުމުގެ އާ އުއްމީދު ބިނާކުުރިފައިވާ ކަމުގެ އުފާ" އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިޙާމް ވިދާޅުވިއެވެ.