މުނިފޫހިފިލުވުން

ގޯލްޑަން ޓިކެޓް ލިބުނު ބައިވެރިންގެ ވާދަވެރިކަން މިރޭ


މޯލްޑިވިއަން އައިޑަލްގެ ސީޒަން ދޭއްގެ ގަދަ 16 އިން ޖާގައެއް ކަށަވަރުކުރުމަށް ގޯލްޑަން ޓިކެޓް ލިބުނު ބައިވެރިންގެ ވާދަވެރިކަން މިރޭ ފެށޭނެއެވެ. 

އޮޑިޝަންތަކުން ޓިކެޓް ލިބުނު 44 ބައިވެރިން މިރޭ ތިއޭޓަރ ރައުންޑަށް ނުކުންނައިރު މިރޭގެ ޝޯވް ވެގެންދާނީ ވާދަވެރިކަން ބޮޑު ކުރިމަތިލުމަކަށެވެ. މި ޝޯ މިރޭ 22:30 ގައި ޓީ.ވީ.އެމުން ދައްކާނެއެވެ.

މޯލްޑިވިން އައިޑަލްގެ ޝޯވތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާނެ އެއް ޝޯވއަކަށް ތިއޭޓަރ ރައުންޑް ވެގެންދާނެއެވެ. އޮޑިޝަންތަކުން 3 ޖަޖުންގެ ނުވަތަ 2 ޖަޖުންގެ އާނ ބަހާއެކު ގޯލްޑަން ޓިކެޓު ލިބުނު ބައިވެރިން މޯލްޑިވިއަން އައިޑަލްގެ ޓައިޓަލަށް ވާދަކުރުމުގެ އަސްލު ކުރިމަތިލުން ފެށޭ ހިސާބަކީ، ތިއޭޓަރ ރައުންޑެވެ. ބައިވެރިންގެ ކިބައިންވެސް ވާދަވެރިކަމުގެ ކުލަވަރުތައް ފެންނަން ފަށާ ހިސާބަކީ މީއެވެ.

އައިޑަލް ސީޒަން ދޭއްގެ އޮޑިޝަންތައް ރާއްޖޭގެ 5 ސަރަޙައްދެއްގައި ކުރިއަށް ދިޔައިރު، ގިނަ އަދަދެއްގެ ބައިވެރިންތަކެއް އެ އޮޑިޝަންތަކުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް މީގެތެރެއިން ގޯލްޑަން ޓިކެޓް ލިބިފައިވަނީ 44 ބައިވެރިންނަށެވެ. މި ބައިވެރިންގެ ތެރޭގައި، މާލޭ ސިޓީގެ 24 ބައިވެރިނާއި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ 9 ބައިވެރިންނާއި، ލ. ގަމު އޮޑިޝަނުން 2 ބައިވެރިންނާއި، ބ. އޭދަފުށިން 5 ބައިވެރިން އަދި ހދ. ކުޅުދުއްފުށީ އޮޑިޝަންނުން ޓިކެޓް ލިބުނު 4 ބައިވެރިއަކު ހިމެނެއެވެ. 

img:http://s1.psmnews.mv/images/660x400/14789354880998.jpg|މޯލްޑިވިއަން އައިޑަލްގެ ސީޒަން 2 ގެ މާލެ އޮޑިޝަންގައި ބައިވެރިވި ފަރާތްތައް

މޯލްޑިވިއަން އައިޑަލްގެ ސީޒަން ދޭއްގެ ތިއޭޓަރ ރައުންޑް ޝޫޓްކޮށްފައިވަނީ އއ. މަތިވެރީގެ ފަޅުތެރެއާއި، އެރަށާއި ކައިރީގައި އޮންނަ ފިނޮޅެއްގައެވެ. 

ތިއޭޓަރ ރައުންޑް ކުރިއަށް ގެންދާނީ 2 ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން މިރޭގެ ޝޯވގައި ގޯލްޑަން ޓިކެޓް ލިބުނު 44 ބައިވެރިން ވަކި ވަކި ގްރޫޕްތަކެއްގެ ގޮތުގައި މިއުޒިކް ޓްރެކް ޖަހައިގެން، ލަވަ ހުށައަޅައިދޭނެއެވެ. އަދި ތިއޭޓަރ ރައުންޑުގެ 2 ވަނަ ބުރަށް ދަތުރުކުރާ ބައިވެރިން މާދަމާ ރޭގެ ޝޯވގައި އައިޑަލް ބޭންޑްގެ ލައިވް މިއުޒިކާއެކު ސޯލޯ ޕަރފޯމަންސެއް ހުށައަޅައިދޭނެއެވެ. މި ރައުންޑް ވެގެންދާނީ މި ޝޯވގެ ބައިވެރިންގެ ތެރެއިން ބެލުންތެރިން ސަޕޯޓްކުރާ ބައިވެރިއެއް ކަނޑައެޅުމަށް ލިބިގެންދާ ފުރުސަތަކަށެވެ. 

މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތަކެކޭ އެއްގޮތަށް ތިއެޓަރ ރައުންޑުންވެސް ބެލުންތެރިންނަށް ޝައުގުވެރި ކަންތައްތަކެއް ގެނެސްދިނުމަށްޓަކާ އައިޑަލްގެ ޕްރޮޑަކްޝަން ޓީމުން ބުރަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއިން ރާއްޖޭގައި މިހާތަނަށް ހުޅުވާލަދިން އެންމެ އަގުހުރި ފުރުޞަތުކަމުގައިވާ މޯލްޑިވިއަން އައިޑަލްގެ ޝޯވތަކަށް ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގެ ހަރަކާތްތެރިވާ ފަންނާނުންނާއި، ބެލުންތެރިންގެ ފަރާތުން އަންނަނީ ބޮޑު ތަރުޙީބަކާއި މަޤުބޫލުކަމެއް ލިބެމުންނެވެ. މި ޝޯވ ވެފައިވަނީ ރާއްޖޭގެ ޓީވީ ޗެނަލަކުން ފްރެންޗައިޒް އުސޫލުން ގެނެސްދޭ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވއަށެވެ. މިއާއެކު ލަވައާއި މިއުކިޒްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވެފައި ތިބި ޒުވާނުންނަށް ވަނީ މިދާއިރާއިން މުޅިން އައު ޕްލެޓްފޯމެއް ހުޅުވިފައެވެ.