ސިޔާސީ

ސަރަޙައްދުގައިވާ އެންމެ އަމާން ޤައުމަށް ރާއްޖެ ހެދުމަކީ އަމާޒެއް


ރާއްޖެއަކީ މި ސަރަޙައްދުގައި އޮތް އެންމެ އަމާން، އެންމެ ކުރިއެރުމާއި ތަޙްޒީބަށް ލޯބިކުރާ ޤައުމަށް ހެއްދަވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޕީޕީއެމުން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ފެށުމަށް ހޭވައްލާ ނަމުގައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ލޯކަލް ކައުންސިލް އިންތިޚާބަށް ޕީޕީއެމުން ކުރިމަތިލެއްވި ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެއްވުމުގެ ކެމްޕެއިން ފަށްޓަވާދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ، ސަރުކާރަށް ތާއީދުކުރައްވާ ކެނޑިޑޭޓުން ކައުންސިލްތަކަށް ހޮވުމަކީ ރާއްޖެ، ފަނާކުރުވަނިވި ފިކުރަކުން ސަލާމަތްކުރެއްވުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

ރާއްޖެއަށް އަންނަމުންދާ ތަރައްޤީއަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމނިކުފާނުގެ ސަރުކާރުން ގެންނަވަމުންގެންދަވާ ތަރައްޤީއަށް އެންމެވެސް އެއްބަސްވާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ބަޔަކު ޤަބޫލުކުރަން ބޭނުންނުވިނަމަވެސް ވޭތުވެދިޔަ 3 އަހަރު ތައުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި ދައުލަތުގެ ބޮލުގައި އެޅިފައިވާ ދަރަނި ފިލުވުމަށް ކުރާ މަސައްކަތަކީ ތަރައްޤީއަށް ނުވެނުދާނެ ކަންތައްތައް ކަމަށެވެ.

ތަރައްޤީއަކީ ރާއްޖޭއަށް ގެންނަވާ ޢުމްރާނީ ތަރައްޤީކަމުގައި ދެކިވަޑައިނުގަންނަވާ ކަމަށާއި، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމާއި، މުޖުތަމަޢުގައި އަޅާލުމަށް ބޭނުންވެފައިވާ މީހުންގެކަންކަން ހިމެނޭހެން އިޖުތިމާއީ ކުރިއެރުމަށްވެސް ސަރުކާރުން ޚާއްސަ އަޙައްމިއްޔަތެއް ދެއްވާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

"ބްރިޖް އެޅުމަކީ ހަމައެކަނި ތަރައްޤީއަށް ނުވެ ހިނގައިދާނެ، ޞިއްޙީ ދާއިރާއިން މިލިބޭ ކުރިއެރުމަށް ނޫނީ ނުވެ ނުދާނެ. ތަޢުލީމި ދާއިރާއިން މިލިބޭ ތަރައްޤީއަކީ ތަރައްޤީއަށް ނުވެނުދާނެ. ކުރިއެރުމަށް ނޫނީ ނުވެ ނުދާނެ. އަދި ހަމައެހެންމެ އަޅުގަނޑުމެން ނަޒަރުހިންގާލާ ކޮންމެ ދިމާއަކުން، ދިވެހިރާއްޖޭގައި މިއޮތް ބައިނަލްއަޤްވާމީ ބޮޑު ދަރަނި ފިލުވަން މިކުރާ މަސައްކަތާއި، ޒުވާނުންނަށް ވަޒީފާ ހޯދައިދޭން މިކުރާ މަސައްކަތަކީ ވެސް ހަމަ ތަރައްޤީ." ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.

ތައުލީމީ ހުނަރުވެރި ޤާބިލު މީހުން އުފެއްދެވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ޒުވާނުން ކުށުގެ ވެށިން ދުރުކޮށް އެމީހުންނަކީ ތަރައްޤީގެ ހިއްސާގައި ބައިވެރިވާ ބަޔަކަށް ހެއްދެވުން ކަމުގައެވެ. ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން ޒުވާނުންނާއި ހަމައަށް ދެވެނު އިރު އޮތީ ވާނެ އެއްޗެއް ވެފައި ކަމަށެވެ. އަދި މި 5 އަހަރުގެ ދައުރުގައި ޒުވާނުން ތަރުބިއްޔަތު ކުރެއްވިޖެނަމަ ދެން ބިނާ ކުރާ ޖީލަކީ އަމާން ޖީލަކަށް ވެގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ ޖަލުގެ ތޭރިތައް ކައިރިކުރާކަށް، ޖަލުތައް ބޮޑުކުރާކަށް ބޭނުންމެއްނުވޭ. ބޭނުންވަނީ ބަދުނަސީބުން ޖަލަށް ވަދެ ތިބި މީހުން، ރެޑީމްކޮށް މުޖުތަމައަށް ނެރެވޭނެ ގޮތްތަކެއް ބެލުން. ޝައްކެތް ނެތްގޮތުގައި އެމީހުންގެ އުފަލަކީ އަޅުގަނޑުގެ އުފާ. ދިވެހިރާއްޖެ ދާން ބޭނުންވާ މިސްރާބާކީ މި ސަރަޙައްދުގައޮތް އެންމެ އަމާން، އަދި އެންމެ ކުރިއެރުމާއި، ތަހްޒީބަށް ލޯބިކުރާ ޤައުމަކަށް ރާއްޖެވެގެންދާން ބޭނުން." ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގައި އިސްލާމީ ވަހުދަތު ވަރުގަދަކުރަން ސަރުކާރުން ކުރައްވާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ. ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނެއް އޮތުމުގެ ވިސްނުން ދިވެހިންގެ ފިކުރުގެ ދިހަ މޭލާ ކައިރިއަށް އަޔަނުދެއްވާނެ ކަމަށެވެ.

ޕީޕީއެމުން ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފަށްޓަވާދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ ކުލަ އަސުރުމާ ކުލައަކީ ހުރިހާ ބަޔަކަށް އޮތް ޝިފާއެއް ކަމަށާއި އެކުލައިގެ ނޫނީ ސަލާމަތްތެރިކަން ނެތް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ޕީޕީއެމް މެމްބަރުން ކައުންސިލްތަކަށް އިންތިޚާބު ކުރެއްވުމަށް ރައީސް ޔާމީން އިލްތިމާސް ކުރެއްވިއެވެ.