ތަރައްްޤީ

ގުރައިދޫ މަރުކަޒުގެ މަރާމާތުގެ މަސައްކަތް މިމަހުގެ ތެރޭ ނިންމަނީ


ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ސަރުކާރުން ޤާއިމްކުރައްވާފައިވަނީ 6 ޖޫން 1976 ވަނަ އަހަރެވެ. އެތަނުގައި ސަރުކާރުން ބަލަހައްޓަވަމުން ގެންދަވަނީ އެކި ސަބަބުތަކާ ހެދި ޢާއިލާތަކުން އަޅާނުލައި، މުޖުތަމަޢަށް ދޫކޮށްލެވިފައިވާ މީހުންނެވެ. ގުރައިދޫ މަރުކަޒުގައި މިވަގުތު 180 މީހުން އެބަތިއްބެވެ. މީގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންނާއި ނަފްސާނީ ބަލީގައި ފަރުވާ ހޯދަމުންދާ މީހުން ހިމެނެއެެވެ.

ގުރައިދޫ މަރުކަޒު ހެލްތް މިނިސްޓްރީގެ ދަށަށް ގެންނަވައި، ސަރުކާރުން އެތަން މަރާމާތުކުރުމާއި، ތަރައްޤީކުރެއްވުމުގެ މަސައްކަތް ފަށްޓަވާފައިވަނީ ނިމިގެންދިޔަ 2016 ވަނަ އަހަރެވެ. މިމަޝްރޫޢަށް ސަރުކާރުން 13 މިލިއަން ރުފިޔާ ޚަރަދުކުރައްވައެވެ.

މިކަމުގެ އެންމެ ބޮޑު ބޭނުމަކީ، އެތަނަކީ ރައްކާތެރި ތަނަކަށް ހަދައި އެތަނުގައި ތިބޭ ބަލި މީހުންނަށް ދެއްވާ ފަރުވާގެ ފެންވަރު މަތިކުރެއްވުމެވެ. ސަރުކާރުގެ އަމާޒަކީ، ގުރައިދޫ މަރުކަޒަކީ ބަޔޯ ސައިކޯ ސޯޝަލް މެކޭނިޒަމެއްގެ މޮޑަލްއަށް އެތަން ހިންގެވުން ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް  ވަނީ ވިދާޅުވެފައެވެ.

ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ސީއީއޯ އަޙުމަދު ލިއުޝާން ވިދާޅުވީ، މަރާމާތުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިމޭނެ ކަމަށާއި މިހާރު ކުރައްވަމުން ގެންދަވަނީ ފިނިޝިންގެ މަސައްކަތް ކަމަށެވެ. ގުރައިދޫ މަރުކަޒުގައި 6 ވޯޑު ހުރިއިރު، އެތަންތަން މަރާމާތު ކުރައްވައި ޖާގަ އިތުރުކުރެއްވުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން އިތުރު 32 އެނދުގެ ޖާގަ ހިމެނޭ ގޮތަށް ވޯޑު ބޮޑުކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރުގެ ނާއިބް ފާތިމަތު ސައުދާ ވިދާޅުވީ، ގުރައިދޫ މަރުކަޒުގައި ކުޑަކުދިންނަށް ޚާއްސަ ވޯޑެއް ހެއްދެވުމަށް ހަމަޖެހިފައިވާކަމަށެވެ.

''ކުޑަކުދިންގެ ވޯޑުވެސް ހެދުމަށް ހަމަޖެހިފައިވަނީ، މިކަން ކުރަނީ އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީއާ ސަރުކާރުގެ ބެޖެޓުން ޚަރަދުކުރައްވައިގެން. މީގެ އިތުރުން ސްޕޮންސަރުންގެ އެހީގައި އެތަނަށް ބޭނުންވާ ބައެއް ޚީދުމަތްތަކާއި ކެއަރ ވޯކާސް އިން މިވީކްގައި ޖޮބަށް ނިކުންނާނެ'' ސައުދާ ވިދާޅުވިއެވެ.

ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ، ސެންޓަރުގައި މަސައްކަތްކުރާނެ އިތުރު ކެއަރ ވޯކާސް ހޯދުމުގެ މަސައްކަތް މިނިސްޓްރީން ކުރައްވަމުން ގެންދަވާ ކަމަށެވެ. ގުރައިދޫ މަރުކަޒު މަރާމާތުކުރެއްވުމުގެ މަސައްކަތް ނިމުމުން، ފަސޭހަކަމާއެކު ހިނގާބިގާވެ އުޅެވޭ ގޮތަށް އެތަނުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.