ޚަބަރު

ސިވިލް ސަރވިސް ކޮމިޝަނުގެ ޓްރަސްޓް ފަންޑް ޤާއިމުކުރައްވައިފި


ސިވިލް ސަރވިސް ކޮމިޝަނުގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ނެރުއްވައި، އެކޮމިޝަނުގެ ޓްރަސްޓް ފަންޑް ޤާއިމުކުރައްވައިފިއެވެ.

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓްޓިއުޓުގައި ބޭއްވެވި ރަސްމިއްޔާތެއްގައި، ސިވިލް ސަރވިސް ކޮމިޝަނުގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ނެރެދެއްވައި، އެކޮމިޝަނުގެ ޓްރަސްޓް ފަންޑް ޤާއިމުކުރެއްވުމުގެ ލިޔުމުގައި ސޮއިކުރެއްވީ، ފިނޭންސް މިނިސްޓަރ އަޙުމަދު މުނައްވަރުއެވެ. މިއީ ސިވިލް ސަރވިސް ކޮމިޝަނުން ހިންގަވާ އެކި ކަންކަމަށް މާލީ އެހީތެރިކަން ހޯއްދަވަން ޤާއިމްކުރެއްވި ފަންޑެކެވެ. މިފަންޑަށް ފައިސާ ހޯއްދެވުމަށް ހަމަޖެހިފައިވަނީ، ހެޔޮއެދޭ ފަރާތްތަކުންނާއި، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓްޓިއުޓްގެ ވަޞީލަތްތައް އިތުރު ޢާމްދަނީ ލިބޭނެ ގޮތްގޮތަށް ބޭނުންކޮށްގެންނާއި، ކޮމިޝަނުން ހިންގަވާ ޙަރަކާތްތަކުގެ ތެރެއިންކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމު ވިދާޅުވީ، ވޭތުވެދިޔަ ނުވަ އަހަރަށް ބަލާއިރު، ވޭތުވެދިޔަ އަހަރަކީ ތަފާތު ގޮންޖެހުންތަކާއެކުވެސް އެކޮމިޝަނަށް ފަޚުރުވެރި ކާމިޔާބީތައް ލިބުނު އަހަރެއްކަމަށެވެ. އެގޮތުން އެންމެ ގިނަ އަދަދެއްގެ ސިވިލް ސަރވަންޓުން ތަމްރީނުކުރެއްވީ 2016 ވަނަ އަހަރުކަން  ޑރ. އަލީ ޝަމީމް ފާހަގަކުރެއްވިއެވެ.

"ޖުމްލަ 5687 މުވައްޒަފަކު މިދިޔަ އަހަރު ހުނަރާއި ޤާބިލުކަން އިތުރުކުރެއްވުމުގެ ގޮތުން، ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓްޓިއުޓުން ތަމްރީނުކުރައްވާފައިވޭ. އެއީ ޑިޕްލޮމާ ފެންވަރުގެ 54 ފަރާތެއް ތަމްރީނުކުރުމާއި، ސެޓްފިކެޓް ލެވަލްގެ 331 ފަރާތެއް، އަދި ކުރުމުއްދަތުގެ 5302 ފަރާތެއްވަނީ ފުރިހަމަކުރުރައްވާފައިވޭ" ޝަމީމް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14878367875366.jpg|ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ އަލީ ޝަމީމް / ފޮޓޯ: ޕީއެސްއެމް

ސިވިލް ސަރވިސް ކޮމިޝަނަށް މިދިޔަ އަހަރު 317 މައްސަލަ ހުށަހެޅި، 242 މައްސަލަ ކޮމިޝަނުންވަނީ ބައްލަވައި ނިންމަވާފައެވެ. ސިވިލް ސަރވިސް ކޮމިޝަންގެ ޤަވާއިދާ ޚިލާފަށް މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭ މައްސަލަތައް ގިނަ އަދަދަކަށް ހުށައަޅުއްވާފައިވާއިރު، ކޮމިޝަނާއި ދެކޮޅަށް ލޭބަރ ޓްރައިބިއުނަލަށް މިދިޔަ އަހަރު 40 މައްސަލަ ވަނީ ހުށައަޅާފައެވެ.

2016 ވަނަ އަހަރު ސިވިލް ސަރވިސްގެ ދެވަނަ ސްޓްރެޓީޖިކް ޕްލޭނަށް ޢަމަލުކުރައްވަން ފައްޓަވާފައިވާއިރު، ސިވިލް ސަރވަންޓުންގެ މަސައްކަތުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވާކަމަށް ކޮމިޝަނުގެ ރައީސްގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

ޑރ. އަލީ ޝަމީމު ވިދާޅުވީ، ސިވިލް ސަރވިސް އިތުރަށް ހަރުދަނާކުރެއްވުމުގެ ގޮތުން މިއަހަރުވެސް ގިނަ ކަންތައްތަކެއް ރާއްވަވައި، ޢަމަލީގޮތުން އެކަންކަން ފަށްޓަވާނެކަމަށެވެ. އެގޮތުން ސިވިލް ސަރވަންޓުންގެ ތެރެއިން މަތީ ތަޢުލީމު ޙާޞިލް ކުރައްވަން ބޭނުންފުޅުވާ މުވައްޒަފުންނަށް ޚާއްޞަ ލޯންސްކީމެއް އިސްލާމިކް ބޭންކާއި ގުޅިގެން އަންނަމަހު ތަޢާރަފްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މާލެ ސަރަޙައްދުގައި ދިރިއުޅޭ ސިވިލް ސަރވަންޓުންގެ އިޖްތިމާޢީ ރޫޙު އާލަކުރެއްވުމަށް ޚާއްޞަ ޢިމާރާތެއް ހެއްދެވުމުގެ ގޮތުން އެކި ފަރާތްތަކާއި ގުޅިގެން މަސައްކަތްވެސް ކުރައްވާކަމުގައި އަލީ ޝަމީމް ވިދާޅުވިއެވެ.  

"އިޖްތިމާޢީ ރޫޙު އާލާކުރުމަށާއި، މުނިފޫހި ފިލުވުމަށާއި، ކަސްރަތުކުރުމަށް، އަދި ފިލާވަޅުތައް ދަސްކުރުމަށް ހިމޭން މާހައުލެއް ހޯދައި ދިނުމުގެ ގޮތުން، ކުރިންވެސް ސަރުކާރުގެ މުވައްޒަފުންނަށް ހަމަޖެހިފައި އޮތްފަދަ، މުވައްޒަފުންގެ ނާދީއެއްފަދަ މަރުކަޒެއް ޤާއިމްކުރެވޭތޯ، ސަރުކާރާއި، ހެޔޮއެދޭ ފަރާތްތަކާއި އެކު މަޝްވަރާކުރަމުން" ޝަމީމް ވިދާޅުވިއެވެ.

ދިވެހި ސިވިލް ސަރވިސްއަށް 10 އަހަރު ފުރުން މިއަހަރު ކުލަގަދަގޮތެއްގައި ފާހަގަކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. 2016 ގެ ނިޔަލަށް ސިވިލް ސަރވިސްގެ މުވައްޒަފުންގެ ގޮތުގައި 24501 މުވައްޒަފުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ. އަދި މިދިޔަ އަހަރު ސިވިލް ސަރވިސްގެ ވަޒީފާއިން 150 މުވައްޒަފުން ވަނީ މުސްކުޅިކުރައްވާފައެވެ.