އުތުރު ކޮރެޔާއިން ބެލިސްޓިކް މިސައިލްތަކެއް ޖަޕާނު ކަނޑަށް ފޮނުވާލައިފިއެވެ.
އުތުރުކޮރެޔާއިން މިއަދު ފޮނުވާލި ހަތަރު ބެލިސްޓިކް މިސައިލް، އެހާސް ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރުކުރުމަށްފަހު، އޭގެތެރެއިން 3 މިސައިލް ވެއްޓުނީ ޖަޕާނުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަށެވެ. ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވަނީ މިއީ އުތުރުކޮރެޔާގެ ނުރައްކާތެރި ޢަމަލުތައް އިތުރު ހަރުފަތަކަށް ގެންދިއުންކަމަށް ސިފަކޮށްފައެވެ.
މިސައިލްތައް ފޮނުވާލީ ޗައިނާއާއި އުތުރުކޮރެޔާ ގުޅޭ ބޯޑަރުކައިރި އޮންނަ ޓޮންޗަންގރި ސަރަޙައްދުންކަމަށް ދެކުނު ކޮރެޔާގެ އަސްކަރިއްޔާއިން ބުނެއެވެ. އުތުރު ކޮރެޔާއިން މިއަދު ފޮނުވާލި މިސައިލްތަކާބެހޭ އެއްވެސް ތަފްޞީލެއް އަދި މީޑިއާއަށް ޢާންމުވެފައެއް ނުވެއެވެ. އުތުރުކޮރެޔާއިން އެއްވެސް ބާވަތެއްގެ މިސައިލެއް ނުވަތަ ނިއުކްލިއަރ ޓެސްޓެއް ކުރުން އދ. ން ވަނީ މަނާކޮށްފައެވެ.
ކޮރެޔާ ގަޑިން މިއަދު ހެނދުނު 7:36 ހާއިރު މިސައިލްތައް ފޮނުވާލާފައިވާއިރު، މިއީ ކޮންބާވަތެއްގެ މިސައިލްތަކެއްތޯ ބެލުމުގެ މަސައްކަތް ދެކުނު ކޮރެޔާއިން ދަނީ ކުރަމުންނެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ އުތުރުކޮރެޔާގެ މި ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ.
img:http://s4.psmnews.mv/images/660x400/14888068695169.jpg|އުތުރުކޮރެޔާގެ ލީޑަރު ކިން ޖޮންގ އުން (މެދުގައި) އެޤައުމުގެ އަސްކަރިއްޔާގެ އިސް ފަރާތްތަކާއެކު / ފޮޓޯ: ޒިންހުއާ
މިދިޔަ ހުކުރު ދުވަހު އުތުރުކޮރެޔާއިން ވަނީ މިސައިލްތަކެއް ފޮނުވާލާނޭކަމުގެ އިންޒާރު ދީފައެވެ. މި އިންޒާރު އައީ އެމެރިކާއާއި ކޮރެޔާގެ ގުޅިފައިވާ އަސްކަރީ ތަމްރީންތަކެއް ދެކުނު ކޮރެޔާގައި ފެށުމާގުޅިންނެވެ. އުތުރުކޮރެޔާއިން ދެކޭގޮތުގައި ދެކުނު ކޮރެޔާއާއި އެމެރިކާއިން އަސްކަރީ ތަމްރީންތައް ކުރިއަށްގެންދަނީ އުތުރުކޮރެޔާއަށް ޙަމާލާތަކެއް ދީ، އެޤައުމަށް އެރުމަށެވެ.
އުތުރުކޮރެޔާއިން މިއަދު ހަތަރު މިސައިލެއް ޓެސްޓްކުރިއިރު، އެޤައުމުން ދަނީ ސިލްސިލާކޮށް މިސައިލްތައް ޓެސްޓްކުރަމުންނެވެ. ތަޖުރިބާކާރުން ޤަބޫލުކުރާގޮތުގައި އުތުރުކޮރެޔާއިން ދަނީ ކާމިޔާބުކަމާއެކު މިސައިލްތައް ޓެސްޓްކޮށް، އެކަމުގައި ބޮޑެތި ކުރިއެރުންތައް ހޯދަމުންނެވެ.
އުތުރުކޮރެޔާއިން ބުނަމުންދަނީ އެޤައުމުން ކުރަމުންދަނީ ޖައްވީ މަސައްކަތްތަކެއްކަމަށާއި، އެއީ ނުރަކަލެއް އޮތް ކަމެއް ނޫންކަމަށެވެ. ނަމަވެސް އުތުރުކޮރެޔާއިން ދަނީ އެމެރިކާއަށް ފޯރާވަރުގެ އިންޓަރ ކޮންޓިނެންޓަލް ބެލެސްޓިކް މިސައިލްއެއް ތަރައްޤީކުރަމުންކަމަށް ބައިނަލްއަޤުވާމީ މަސްރަޙުން ޤަބޫލުކުރެއެވެ. ނަމަވެސް އެފަދަ މިސައިލެއް ފޮނުވާލައި ގެއްލުންދެވޭވަރުގެ ނިއުކްލިއަރ ވޯ-ހެޑެއް ތައްޔާރުކުރުމަށް އަދިވެސް އެތަކެއް ދުވަހެއް ހޭދަވާނެކަމަށް ތަޖުރިބާކާރުން ޤަބޫލުކުރެއެވެ.