ދުނިޔެ

ޑޮނާލްޑް ޓްރަމްޕް، ފަލަސްތީނުގެ ރައީސްއާ ބައްދަލުކުރައްވަނީ


ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސް އެމެރިކާއަށް ވަޑައިގަތުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދައުވަތު ދެއްވައިފިއެވެ. 

ފަލަސްޠީނުގެ ރައީސް އެމެރިކާއަށް ވަޑައިގަތުމުގެ ދަޢުވަތު އެމެރިކާގެ ރައީސް ދެއްވާފައިވަނީ، އިއްޔެ އެމަނިކުފާނު ފަލަސްޠީނުގެ ރައީސްއާއެކު ފޯނުން ގުޅުއްވާ ބޭއްވެވި މަޝްވަރާތަކުގައެވެ. މިއީ ޖެނުއަރީމަހު އެމެރިކާގެ ވެރިކަމާ ޑޮނާލްޑް ޓްރަމްޕް ހަވާލުވެވަޑައިގަތުމަށްފަހު ފަލަސްޠީނުގެ ރައީސްއާ މަޝްވަރާކުރެއްވި ފުރަތަމަ ފަހަރެވެ.

ފަލަސްޠީނުގެ އޮފިޝަލަކު ވިދާޅުވީ އެސަރަޙައްދުގައި ސުލްޙަ ޤާއިމްކުރުމަށް ޓްރަމްޕް ބޭނުންފުޅުވާކަން މަހްމޫދު އައްބާސް ޤަބޫލުފުޅުކުރައްވާކަމަށާއި މިކަމުގައި އެއްބަސްވުމަކަށް އައުމަށްވެސް ޓްރަމްޕް ބޭނުންފުޅުވާކަން ހާމަކޮށްފައިވާކަމަށެވެ.  

ފަލަސްޠީނުގެ ރައީސް އެމެރިކާއަށް ވަޑައިގަތުމުގެ ދަޢުވަތު ޓްރަމްޕް ދެއްވާފައި މިވަނީ ފަލަސްޠީނު - އިސްރާއީލް މައްސަލައިގައި އިސްރާއިލް ކޮޅަށް ބުރަވާގޮތަށް ޓްރަމްޕްގެ ސަރުކާރުން ވާހަކަތަކެއް ދައްކާފައިވާ ދަނޑިވަޅެއްގައެވެ. 

img:http://s2.psmnews.mv/images/660x400/14892188898776.jpg|އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޑޮނާލްޑް ޓްރަމްޕް ބައްދަލުކުރައްވަނީ

މިދިޔަމަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުކުރެއްވުމެއްގައި ޓްރަމްޕް ވަނީ ފަލަސްޠީނު - އިސްރާއީލް މައްސަލައިގައި ދެ ދަޢުލަތް ޤާއިމްކުރުމުގެ ޙައްލު ދޫކޮށްލައްވާނެކަމަށް ވިދާޅުވެފައެވެ. އަދި އިސްރާއީލުގެ ޓެލްއެވީވްގައި ހުރި އެމެރިކާގެ އެމްބަސީ، އިސްރާއީލުން ހިފާފައިވާ ގުދުސްއަށް ބަދަލުކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. 

މިވާހަކަތަކަކާއި ގުޅިގެން އެސަރަޙައްދުގެ ސުލްޙައަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ފަލަސްޠީނުގެ މައްސަލައިގައި ޓްރަމްޕްގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކަށް ފާޑުކިޔަން ފެށުމުން، އެމެރިކާގެ ސަރުކާރުގެ ބަސްމަގު ވަނީ ބަދަލުކޮށްފައެވެ. އަދި މިދިޔަ ހަފްތާގައި ޓްރަމްޕްގެ ސަރުކާރުން ވަނީ ހިފާފައިވާ ޕަލަސްޠީނުގެ ބިންތަކެއްގައި އިސްރާޢީލުން ގެދޮރު އެޅުމާ ދެކޮޅަށް ވާހަކަދައްކާފައެވެ. އެމެރިކާއިން ބުނެފައިވަނީ އެކަމުގެ ސަބަބުން ބޮޑު ހަމަނުޖެހުމެއް އުފެދިގެން ހިނގައިދާނެކަމަށެވެ.