ސަޢޫދީ ޢަރަބިއްޔާއާއި ޖަޕާނު ގުޅިގެން 30 އަށްވުރެގިނަ މަޝްރޫޢު ހިންގުމަށް ސަޢޫދީ ޢަރަބިއާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު ނިންމަވައިފިއެވެ.
ސަޢޫދީ ރަސްގެފާނު މިގޮތަށް ނިންމަވާފައިވަނީ އެމަނިކުފާނު ޖަޕާނަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގެ ތެރޭގައެވެ. ސަޢޫދީ ސައުރާކާއި ޖަޕާނު ސަރުކާރު ގުޅުގެން 31 މަޝްރޫއެއް ހިންގުމަށް ދެޤައުމުގެ އިސްވެރިން ވަނީ އެއްބަސްވެވަޑައިގެންފައެވެ. ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު ޖަޕާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ދެޤައުމު ގުޅިގެން ހިންގެވުމަށް އެއްބަސްވެފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ގިނައީ އިޤްތިޞާދީ މަޝްރޫޢުތަކެވެ. އެގޮތުން ޖަޕާނުގެ ތެލުގެ ސިނާޢަތް ކުރިއެރުވުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާގެ ދައުލަތުގެ ތެޔޮ ކުންފުނި އަރަމްކޯއިން އެހީތެރިވުމަށް ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ވަނީ ނިންމަވާފައެވެ. މިއީ މަދުވެގެން 3 ބިލިއަނެއްހާ ޑޮލަރުގެ މަޝްރޫއެއް ކަމަށް ދުނިޔޭގެ ބައެއް ނޫންތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ޖަޕާނާއި ސަޢޫދީ ގުޅިގެން ހިންގުމަށް ނިންމެވި މަޝްރޫޢޫތަކުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ އެތެރޭގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ މަޝްރޫޢަކާއި، ޓޯކިޔޯގެ ސްޓޮކްމާކެޓްގައި ސަޢޫދީގެ ބޮޑެތި ކުންފުނިތަކުން އިންވެސްޓްކުރުމާބެހޭ މަޝްރޫޢުތައް ހިމެނެއެވެ. މީގެއިތުރުން އެއްޤައުމުގެ ކުންފުނިތަކުން އަނެއްޤައުމުގައި ކުރާ އިންވެސްޓްމެންޓްތައް އިތުރުކުރުމަށް ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކެއް ޤާއިމުކުރުމާބެހޭ ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށްވެސް ދެޤައުމުގެ އިސްވެރިން ވަނީ އެއްބަސްވެފައެވެ. ސަޢޫދީ ރަސްގެފާނުގެ އެޝިއާއަށް ކުރައްވަމުންދާ ދަތުރުފުޅުގައި މިހާތަނަށް 4 ޤައުމަކަށް ވަޑައިގެންފައެވެ. މި 4 ޤައުމުގައި ސަޢޫދީ ސަރުކާރުން ކުރެއްވުމަށް ނިންމެވި އިންވެސްޓްމެންތަކުގެ ޖުމްލަ އަގު 30 ބިލިއަން ޑޮލަރާ ގާތްކުރެއެވެ.
މިދަތުރުފުޅުގައި ސަޢޫދީ ޢަރަބިއާއިން އެންމެ ބޮޑެތި އިންވެސްޓްމެންޓްތައް ކުރެއްވުމަށް ނިންމަވާފައިވަނީ މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ މެލޭޝިއާއާއި އިންޑޮނޭޝިއާގައެވެ. ސަޢޫދީ ޢަރަބިއާއަކީ ދުނިޔޭގެ މުސްލިމް ޤައުމުތަކުގެ ތެރެއިން އިސްލާމީ އުސޫލުތައް އެޤައުމެއްގެ އިޖްތިމާއީ އަދި ދުސްތޫރީ ނިޒާމުގައި އެންމެ ފުރިހަމައަށް ތަންފީޛް ކުރަމުންގެންދާ އެއްޤައުމެވެ. އެގޮތުން ސަޢޫދީ ޢަރަބިއާއިން ޤައުމުތަކާއެކު އިޤްތިޞާދީ އަދި ސިޔާސީ ގުޅުން ޤާއިމުކުރުމުގައި މުސްލިމް ޤައުމުތަކަށް ޚާއްޞާ އިސްކަމެއްދެއްވައެވެ.
ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު ޖަޕާނަށް ކުރައްވަމުންގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ބުދަދުވަހު ޗައިނާއަށް ފުރާވަޑައިގަންނަވާނެއެވެ. އެމަނިކުފާނުގެ ޗައިނާ ދަތުރުފުޅުގައި އިޤްތިޞާދީ ގިނަ އެއްބަސްވުންތަކެއް ދެޤައުމުގެ ދެމެދުގައި ޤާއިމުކުރެވޭނެއެވެ. އެގޮތުން ޗައިނާއިން ފަށާފައިވާ ބޮޑު ޖައްވީ ދިރާސާއަކަށް ސަޢޫދީ ސަރުކާރުން ފަންޑުކުރުމަށް ވަނީ ނިންމަވާފައެވެ.
ޗައިނާއަށް ކުރައްވާ ދަތުރުފުޅަށްފަހު ރަސްގެފާނު ވަޑައިގަންނަވާނީ ދިވެހިރާއްޖެއަށެވެ. އެމަނިކުފާނުގެ ދަތުރުފުޅުގައި ދިވެހިރާއްޖޭގެ އިޖްތިމާއީ އަދި އިޤްތިޞާދީ ދާއިރާއަށްވެސް ބޮޑެތި އިންވެސްޓްމެންޓް ތަކެއް ކުރައްވާނެކަމަށް ބެލެވެއެވެ. ޚާއްޞަ ގޮތެއްގައި ރާއްޖޭގައި ކުރިއަށްގެންދާ މަލްޓި ބިލިއަން ޑޮލަރުގެ އިޤްތިޞާދީ ބިޔަ މަޝްރޫޢުގެ އެއްބަސްވުމުގައި މިދަތުރުފުޅުގެ ތެރޭގައި ސޮއިކުރައްވާނެ ކަމަށް ބެލެވެއެވެ. ރަސްގެފާނު ރާއްޖެވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހުއެވެ.