ސިފައިންގެ މައި މަރުކަޒު ބަންޑާރަ ކޮށީގައި އިމާރާތްކޮށްފައިވާ ނުވަ ބުރީގެ ޢިމާރާތުގެ ފިނިޝިންގ މަސައްކަތްކުރުމަށް އެލިއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރައްވައިފިއެވެ.
މިއިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރީލްމަހުގެ އެކާވީހަށް ނިންމާ ބޭނުންކުރަން ފެށޭނެކަމަށް ދިވެހި އަސްކަރިއްޔާއިން މަޢުލޫމާތުދެއްވައެވެ. ބަންޑާރަ ކޮށީގައި އިމާރާތް ކުރައްވާ ނުވަ ބުރީގެ އިމާރާތުގެ ފިނިޝިންގެ މަސައްކަތް އެލިއާ ކޮންސްޓްރަކްޝަނާއި ހަވާލުކުރެއްވުމަށް ކޯސްޓްގާޑް ބިލްޑިންގގައި ބޭއްވެވި ރަސްމިޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ އަންނަ އަހަރުގެ ސިފައިންގެ އަހަރީ ދުވަހަށްވާއިރަށް އެޢިމާރާތް ހުންނާނީ ނިމިފައިކަމަށާއި، މިއީ ސިފައިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަށް ކަމަށެވެ. ނުވަ ބުރީގެ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތްވެސް އެލިޔާއިން ނިންމަން ކަނޑައާޅާފައިވާ މުއްދަތަށްވުރެ އެކާވީސް ދުވަސް ކުރިން ނިންމާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
img:http://s3.psmnews.mv/images/660x400/14895702608320.jpg|ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ
"ބަންޑާރަކޮށީގައި މިހާރު ހުރި އިމާރާތްތަކާއި އެތަނުގައި މިހާރު ހުރި އެރޭންޖްމެންޓް މުޅިން ރިފޯމް ކުރެވި. އެތަނުގެ ޚިދުމްތަތައް މުޅިން ތަފާތު ގޮތަކަށް އަޅުގަނޑުމެންނަށް އަތުރާލުމުގެ ފުރުސަތު ލިބިގެންދާނެ. ބަންޑާރަ ކޮށީގައި މިހާރު އަޅުގަނޑުމެންނަށް އެކަމަޑޭޝަނާއި އަދިވެސް އެހެނިހެން ވަސީލަތްތައްދޭ ފަރާތްތަކަށާއި އަދި އެހެނިހެން ތަންތަނުގައި ތިބި ފަރާތްތަކަށްވެސް އަޅުގަނޑުމެންނަށް ސިފައިންގެ ބޭފުޅުންނަށް ދެވޭ ހިދުމަތްތައް ވަރަށް ބޮޑު ތަން ރަނގަޅުވެގެންދާނެ. ހާއްސަގޮތެއްގައި ނަމާދުކުރުމަށް މިހާރު ބަންޑާރަކޮށީގައި ހުރި މިސްކިތަށްވުރެ ރަނގަޅު އެއަށްވުރެއް އެކަށީގެންވާ ތަނެއްގައި ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ" މިނިސްޓަރ ވިދާޅުވިއެވެ.
img:http://s4.psmnews.mv/images/660x400/14895702798891.jpg|ބަންޑާރަ ކޮށީގައި އިމާރާތްކޮށްފައިވާ ނުވަ ބުރީގެ ޢިމާރާތުގެ ފިނިޝިންގ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް
މިނިސްޓަރ ވިދާޅުވީ ކަޅުތުއްކޮލާ ކޮށީގައިވެސް ސިފައިންގެ އެކަމަޑޭޝަންގެ ކަންތައް މިހާރަށްވުރެ ރަނގަޅު ކުރެއްވުމަށްޓަކައި މަސައްކަތް ކުރައްވާނެކަމަށެވެ. ބަންޑާރަ ކޮށީގައި ޢިމާރާތްކޮށްފައިވާ ނުވަބުރީގެ އިމާރާތުގެ ފިނިޝިންގ މަސައްކަތް ކުރެއްވުމަށްޓަކައި ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހައިރުއެވެ. އެލިއާ ކޮންސްޓަރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަޠޯ ޢަލީއެވެ.