މިހާރު ފެތުރެމުންދާ ހުމުގެ ރޯގާއާއި ގުޅިގެން ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ހެދި ޓެސްޓްތަކުން 114 މީހަކު އިންފުލުއެންޒާ އެޗްވަންއެންވަންއަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކުރައްވައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނެރުއްވި ތަފާސް ހިސާބުތަކަށް ބަލާއިރު މިމަހުގެ 17 ވަނަ ދުވަހު ރޯގާޖެހިގެން 1549 މީހުން ޑޮކްޓަރަށް ދައްކާފައިވެއެވެ.
މީގެތެރެއިން 6 މީހަކު އިތުރަށް އޮބްޒަރވް ކުރުމަށް އެޑްމިޓްކޮށްގެން ގެންދަނީ ބަލަމުންނެވެ. އެޗްޕީއޭއިން ނެރުއްވާފައިވާ، މިމަހުގެ 17 ވަނަ ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އަރިދަފުސް ރޯގާ ޖެހިގެން އަތޮޅުތަކުން ޖުމްލަ 869 މީހުން ޑޮކްޓަރައް ދައްކާފައިވެއެވެ. އަދި މާލެ އިން އެކަނި 680 މީހުން އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވެއެވެ. މާލެ ސަރަހައްދުން ރޯގާ ޖެހިގެން އިއްޔެ އެންމެ ގިނަޢަދަދަކަށް މީހުން ޑޮކްޓަރަށް ދައްކާފައިވަނީ އައިޖީއެމްއެޗަށެވެ. އެއީ 343 މީހުންނެވެ. އޭޑީކޭއަށް 181 މީހުން ޑޮކްޓަރަށް ދައްކާފައިވާއިރު، ހުޅުމާލެ ހޮސްޕިޓަލަށް 88 މީހުން، ވިލިމާލެ ހޮސްޕިޓަލަށް 38 މީހުން އަދި ސެނަހިޔާއަށް 30 މީހުން ޑޮކްޓަރަށް ދައްކާފައިވެއެވެ.
ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ ތެރެއިން އިންފުލުއެންޒާ އެޗްވަންއެންވަންއަށް ޝައްކުވެގެން 6 މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަތޮޅުތަކަށް ބަލާއިރު، އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަން ނުވަތަ އަރިދަފުސް ރޯގާއާއި ގުޅިގެން އެންމެ ގިނައިން ޑޮކްޓަރަށް ދައްކާފައިވަނީ ނ.އަތޮޅުންނެވެ.
އެ އަތޮޅުން 104 މީހުން ފަރުވާ ހޯދާފައިވެއެވެ. ދެވަނައަށް އެންމެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވާ ރ.އަތޮޅުން 99 މީހުން ޑޮކްޓަރަށް ދައްކާފާއިވެއެވެ. ދެން އެންމެ ގިނައިން ޑޮކްޓަރަށް ދައްކާފައިވަނީ ހއ.އަތޮޅުންނެވެ. މި އަތޮޅުން 68 މީހުން ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދާފައިވެއެވެ.
އިންފުލުއެންޒާ އެޗްވަންއެންވަންއަށް ޝައްކުކުރެވިގެން މިހާތަނަށް 350 މީހަކު ޓެސްޓް ކޮށްފައިވާއިރު، މީގެތެރެއިން މިބައްޔަށް ޕޮޒިޓިވްވެފައިވަނީ 114 މީހުން ކަމަށް އެޗްޕީއޭއިން އެންމެ ފަހުން ޢާއްމު ކުރި ތަފާސްހިސާބު ތަކުން ދައްކައެވެ.
ހުމުގެ ރޯގާގެ ސަބަބުން އެޗްވަންއެންވަންއަށް ޕޮޒިޓިވްވި ދެމީހަކު މިހާތަނަށް މަރުވެފައިވެއެވެ.
މިވައިރަސްއަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ވައިރަހެއްކަމުން، މިދުވަސްވަރު ޢާއްމު ތަންތަނަށް އެއްވެ ނޫޅުމަށާއި، ބަލި މީހުންނާއި ގައިގޯޅިވެ ނޫޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އަދި މި ބަލިން ރައްކާތެރިވެ ތިބުމަށްޓަކައި ސާފްތާހިރުކަމަށް އިސްކަންދިނުމަށްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.